ލިވަޕޫލް ހިންގަމުން އަންނަ އެމެރިކާގެ ފެންވޭ ސްޕޯޓްސް ގްރޫޕުން ސްޕޭނުގެ ގެޓަފޭ ގަތުމަށް މަސައްކަތް ފަށައިފި އެވެ.
ގެޓަފޭ އަކީ 1983 ވަނަ އަހަރު އުފައްދައި ސްޕެނިޝް ލީގުގައި ވާދަ ކުރަމުން އަންނަ ކުލަބެކެވެ. ފެންވޭ ސްޕޯޓްސް ގްރޫޕުން އެ ކުލަބު ގަތުމަށް މިހާތަނަށް ކުރި މަސައްކަތް ކާމިޔާބު ނުވެ އޮތީ ގެޓަފޭގެ ރައީސް އެންޖެލް ޓޮރޭޒް ކުލަބު ވިއްކާލަން ބޭނުން ނުވުމުންނެވެ.
ނަމަވެސް މި ވިޔަފާރި މިހާރު ވަނީ ހިނގައިގަންނަ ގޮތްވެފަ އެވެ. އެއީ ކުރިން ކުލަބު ވިއްކާލަން ކިޔަމުން އައި 185 މިލިއަން ޔޫރޯގެ ބަދަލުގައި 116 މިލިއަނަށް އެ ކުލަބު ވިއްކާލަން ޓޮރޭޒް ނިންމުމުންނެވެ.
ފެންވޭ ސްޕޯޓްސް ގްރޫޕުން ލިވަޕޫލް ކާމިޔާބު ކަމާއެކު ހިންގާތާ މިހާރު 15 އަހަރު ވެއްޖެ އެވެ. ފުޓްބޯލައިގެ އިތުރުން ބޭސްބޯޅަ އާއި ބާސްކެޓް ކުލަބުތައް ވެސް ހިންގަމުން އަންނަ ގްރޫޕުން ސްޕޭނުގެ ކުލަބެއް ގަތުމަށް ޝައުގުވެރިކަން ފާޅު ކުރީ އެ ގްރޫޕުގެ ކުޅިވަރު ވިޔަފާރި ފުޅާ ކުރުމަށެވެ.
ލިވަޕޫލަކީ ފާއިތުވެދިޔަ 10 އަހަރަށް ބަލާއިރު މެންޗެސްޓާ ސިޓީ ނަގާފައި އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ކުލަބެވެ. ފެންވޭ ސްޕޯޓްސް ގްރޫޕުން ހިންގަން ފެށި ފަހުން އެ ކުލަބުން ވަނީ އިނގިރޭސި ޕްރެމިއާ ލީގު ދެ ފަހަރު އަދި ޗެމްޕިއަންސް ލީގު ފައިނަލުގައި ތިން ފަހަރު ކުޅެ އެއް ފަހަރު ތަށި އުފުލާލައިފަ އެވެ. މީގެ އިތުރުން އިނގިރޭސި އެފްއޭކަޕާއި ލީގު ކަޕްގެ ދެ ތައްޓާއެކު ކުލަބު ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ.