ޚަބަރު

އަލަށް އުފައްދާ ރީޖަނަލް އެސޯސިއޭޝަންތަކުގެ އެޑްމިނިސްޓްރޭޓަރުން އެމްއޯސީން ތަމްރީނުކުރަނީ


ކުޅިވަރު ޤާނޫނުގެ ދަށުން އެކި ރީޖަނަލް އެސޯސިއޭޝަންތައް ހެދޭއިރު، އެ ތަންތަނަށް އަންނަ އެޑްމިނިސްޓްރޭޓަރުންނަށް ކޯސްތައް ހިންގުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ތަމޫހު ވިދާޅުވީ ކުޅިވަރު ކުޅިވަރު ގާނޫނަށް ގެނައި ބަދަލުތަކާއެކީގައި މުޅި ސްޕޯޓްސް ސްޓްރަކްޗަރ އަށް ބަދަލު އަންނަ ކަމަށެވެ. އެހެންކަމުން އޮލިމްޕިކް ކޮމިޓީން ކުޅިވަރު ވުޒާރާތަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާ ކަމަށާއި، މަސައްކަތް ކުރަނީ ކުޅިވަރު ވުޒާރާއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި ދެބައި މީހުން އެކައްޗެއް ކިޔައިގެން މުޅި ރާއްޖެއަށް ކުޅިވަރު ފެތުރިގެންދާ ގޮތަށް ކަމަށެވެ.

ތަމޫހު ވިދާޅުވީ ކުޅިވަރު ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރެއްވީ އޮލިމްޕިކް ކޮމިޓީ އާއި ވަރަށް ގާތުންކަމަށާއި، އެހެންކަމުން މިނިސްޓަރުގެ ވިސްނުންފުޅު ހުރީ ކިހިނެތްކަން އެނގޭކަމަށެވެ. އަދި ދާންވީ މިސްރާބު ވަރަށް ސާފުކޮށް އެނގޭ ކަމަށާއި މިނިސްޓްރީން ދާން ބޭނުންވާ މިސްރާބަށް ކަންކަން ގެންދިއުމަށް އޮލިމްޕިކް ކޮމިޓީން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރަށް ދެއްވާފައިވާ ކަމަށް ތަމާހް ވިދާޅުވިއެވެ.

ތަމޫހު ވިދާޅުވީ އެހެންވީމަ އެކަންކަމަށް މަގުފަހި ކުރުމަށް އެމްއޯސީން ގެންދަނީ މަސައްކަތް ކުރަމުން ކަމަށާއި، ރީޖަނަލް އެސޯސިއޭޝަންތަކާއި ހަވާލުވާ ފަރާތްތަކަށް ތަމްރީނު ދިނުމުގެ ކަންކަން ކުރިޔަށް ދާ ކަމަށެވެ.

ދާދިފަހުން ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފުކުރަން ކުޅިވަރު ވުޒާރާއިން ފެއްޓެވިއިރު އެކަމާއި ގުޅޭގޮތުން ތަމޫހު ވިދާޅުވީ ކުޅިވަރުގެ ޑޭޓާއެއް ނެތޭ ދެންނެވިޔަސް ރަނގަޅުވާނެ ކަމަށާއި، މިއީ ވަރަށް ދުވާރާލާ ފައްޓަން ޖެހިފައި އޮތް މަސައްކަތެއް ކަމަށެވެ.

އެކަން މިހާރުގެ ކުޅިވަރު ވަޒީރު އަބުދުﷲ ރާފިއު ފައްޓަވާދެއްވީތީ މިއީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، މިއީ ފެށުމެއް ކަމަށް ތަމޫހު ވިދާޅުވިއެވެ.

އަދި އަންނަން އޮތް ޖީލުތަކަށް ކަންކަން މަގުފަހި ކުރުމަށް އެކި ދުވަސްވަރުގެ ކާމިޔާބީތަކުގެ މައުލޫމާތު އެނގެންޖެހޭ ކަމަށާއި، އެކަންކަމުން ދެވެން އޮތީ ކޮންކޮން މެސެޖުތަކެއްކަން އެނގެންޖެހޭ ކަމަށް ތަމޫހު ވިދާޅުވިއެވެ.