ސަރުކާރުން ކަނޑައަޅުއްވާފައިވާ ގޮތަށް، ބޮޑުކުރި މުސާރަ ފުލުހުންނަށް ދެމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވީ ބޮޑުކުރި މުސާރަ ފުލުހުންނަށް ހަމައަށް ނުދޭކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.
ފުލުހުންގެ ޚިދުމަތުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ 2024ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން، ސަރުކާރުން ކަނޑައެޅުއްވިގޮތަށް، ބޮޑުކުރި މުސާރަ އެއްވެސް އުނި އިތުރެއް ނެތި ފުލުހުންނަށް ދެމުންދާކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ވިދާޅުވީ ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަކީ އާއްމު ފުލުހުންނާ ޚިލާފަށް، އެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު ހެދޭ އެއްބަސްވުމެއްގެ ދަށުން ދެވޭ ޚިދުމަތެއްކަމަށެވެ. އެހެންކަމުން ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު ހަދާފަވާ ކޮންޓްރެކްޓްގެ ދަށުން، އެކަމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށްވެސް މުސާރަ ދިނުމުގައި އަމަލުކުރަމުންދާކަމަށެވެ. އަދި ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު އަލަށް ވެވޭ އެއްބަސްވުންތަކުގެ ދަށުން، އިތުރުކުރެވިފައިވާ މުސާރަވެސް ދެމުންގެންދާނެކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވިއެވެ.
ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކޮށްދެއްވުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. ހުރިހާ ފުލުހުންގެ މުސާރަ %35 ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 19 މަރޗް 2024ގައެވެ.
މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރައާއެކު ފުލުހުންގެ މުސާރައަށް މިވަރުގެ ބޮޑު ބަދަލެއް ގެނެވުނު ފުރަތަމަ ފަހަރެވެ. އައު މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ އަސާސީ މުސާރައިގެ އިތުރުން، މަޤާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސްއެވެ.