ވައި ގަދަވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރުފަހު މޫސުން ގޯސްވި ވަގުތުގައި މާލޭގެ ބައެއް ހިސާބުތަކަށް ވަނީ އުދަ އަރާފައެވެ. އެގޮތުން މާލޭގެ ނޯތް ހާބަރު ސަރަޙައްދަށް ވަރަށް ބޮޑަށް އުދަ އެރިއިރު، އެތަނުގައި ބަހައްޓާފަހުރި ބައެއް ތަކެއްޗަށް އެކިވަރުގެ ގެއްލުންވިކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ޕީއެސްއެމްއަށް މަޢުލޫމާތުދީފަވެއެވެ.
ވައިގަދަވުމާ ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވަނީ ވައިޓް އެލަރޓްވެސް ނެރެފައެވެ. ވައިގަދަވާ ވަގުތު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މެޓުން ވިދާޅުވީ ދިޔަވަރު ބޮޑު ވަގުތުގައި ގަދަޔަށް ވައި ޖެހޭއިރު އުދަ އެރުން އެކަށީގެންވާކަމަށެވެ.
މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފައިވާއިރު، މިއަދު މާލެ ސަރަޙައްދާ މުޅި ރާއްޖެއަށްވެސް މޫސުން ފެންނަނީ ގޯސްކޮށެވެ. އަދި ކުރިއަށް އޮތް 3 ދުވަހުވެސް ވިއްސާރަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރެވެހުނީ، ގދ. ކާޑެއްދުއަށެވެ. އެއީ 54.7 މިލިމީޓަރުގެ ވާރޭއެވެ.