ރާއްޖެއާއި ރާއްޖޭން ބޭރުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްތަކާއި ޚާއްޞަ ސްކޮލަރޝިޕް ފުރުޞަތުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޒަކާތު ހައުސްއިން ހުޅުވާލައިފިއެވެ.
7 އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތު ހައުސް ވުޖޫދަށް އައިސް މި ސްކޮލަޝިޕް އަލުން ދޭން ފަށާފައިވަނީ މިދިޔަ އަހަރުއެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ، މި ފުރުޞަތުގެ ދަށުން ޖުމުލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން 10 ފުރުޞަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުޞަތު ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ޚާއްޞަ ސްކޮލަރޝިޕް ސްކީމުތަކެއްވެސް ތަޢާރަފުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ސައުދީ އަރަބިއްޔާއާއި، މިޞްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑް ލިބޭ ގޮތަށް ދޭ 5 ފުރުޞަތާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނު ކުރުމަށް ދޭ ޚާއްޞަ 5 ސްކޮލަރޝިޕް ހިމެނޭ ކަމަށެވެ.
ޒަކާތުހައުސްއިން ހާމަކޮށްފައިވާ ގޮތުގައި މި ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން އިސްލާމީ އެކި ދާއިރާތަކުން މާސްޓަރސް ލެވެލް 9 އަދި ޕީއެޗްޑީ ލެވެލް 10 އަށް ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވީ، މި ސްކޮލަޝިޕްތަކުގެ މަޤްސަދަކީ އިސްލާމީ ދާއިރާތަކުން ތައުލީމު ހާސިލް ކުރުމަށްފަހު، ޤައުމަށް ޚިދުމަތް ކުރުމަށް ރަނގަޅު ޖީލެއް ބިނާކުރުން ކަމަށެވެ.
" އަޅުގަނޑުމެންގެ އަމާޒަކީ މިދާއިރާތަކުން ދަރިވަރުން ތައުލީމު ހާސިލުކުރުމަށްފަހު ދިވެހިރާއްޖެއަށް، ރާއްޖޭގެ ހާލަތަށް، ދިވެހިރާއްޖޭގެ ތައުލީމީ ހާލަތު ރަނގަޅުވެ އިޤްތިސާދީ ގޮތުން އަދި އިޖުތިމާއީ ގޮތުން ދިވެހިރާއްޖެއަށް އަދި ރާއްޖޭގެ އިސްލާމީ މުޖުތަމަޢުއަށް ޚިދުމަތް ކުރާނެ ރަނގަޅު ދަރިންތަކެއް ބިނާކުރުން". ޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވިއެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ، ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ވިލާ ކޮލެޖް، އެވިޑް ކޮލެޖް އަދި ޒިކުރާ ކޮލެޖް ފަދަ މުއައްސަސާތަކުން ކިޔެވުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި ރާއްޖޭން ބޭރުގެ އިސްލާމިކް ޔުނިވާސިޓީތައް ކަމަށްވާ އަލް އަޒްހަރު ޔުނިވަރސިޓީއާއި، މެލޭޝިޔާގެ 2 ޔުނިވާސިޓީ ކަމުގައިވާ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ، "އައިއައިޔޫއެމް" އަދި ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ އިންސިފްއާއި، ޔުނިވަރސިޓީ ބުރުނާއީ ދާރުއްސަލާމް އަދި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު ފަދަ ޔުނިވަރސިޓީތަކުން ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ސްކޮލަރޝިޕް ފުރުޞަތުތަކަށް ކުރިމަތިލާ ފަރާތްތަކަކީ، އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުން ކަމުގައި ވާންޖެހޭނެއެވެ. އަދި މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތަކަށް ވުމާއެކު، ކިޔަވަން ބޭނުންވާ ޕުރޮގުރާމަށް ވަނުމަށް ބޭނުންވާ އެކަޑަމިކް ޝަރުޠުތައް ހަމަވާންޖެހޭނެއެވެ. މީގެ އިތުރުން، އެ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ފުލްޓައިމް ކޯހެއްގައި އެންރޯލްވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. އަދި ސަރުކާރުގެ ނުވަތަ އެހެން މުއައްސަސާއެއްގެ މާލީ އެހީތެރިކަން ލިބެމުންދާ ފަރާތަކަށް ވެގެންނުވާނެއެވެ.
ޒަކާތުހައުސްއިން ވިދާޅުވީ، ސްކޮލަރޝިޕް ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުގެ އިތުރުން އެހެން ދާއިރާތަކުން ކިޔެވުމަށް ހުށަހެޅުމުގެ ފުރުޞަތުވެސް އޮންނާނެ ކަމަށާއި، ނަމަވެސް އެއީ ދިވެހި އިސްލާމީ މުޖުތަމަޢު ތަރައްޤީ ކުރުމަށް މުހިންމު ދާއިރާއަކަށް ވާންޖެހޭނެ ކަމަށެވެ.
އަދި އެޕްލިކޭޝަން ހުށަހަޅާއިރު ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް (އެކަޑަމިކް ޓްރާންސްކްރިޕްޓްތަކާއި، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ކަމާގުޅޭ ސަރޓިފިކޭޝަން ހުއްދަތައް) ހިމަނަންވާނެ ކަމަށާއި، އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ދަރިވަރުން ހޮވުމުގެ މަސައްކަތް ކުރާނީ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ކޮމިޓީން ކަމަށްވެސް ޒަކާތުހައުސްއިން ވިދާޅުވެއެވެ.
މި ސްކޮލަޝިޕްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ، ޖުލައި 16 ވަނަ ދުވަހުގެ 14:00 އެވެ. އެޕްލިކޭޝަންތައް ފޮނުވާނީ، އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.