ހަލާލް ފަތުރުވެރިކަމަށް ހުޅުވާލި ރަށްތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހަލާލް ފަތުރުވެރިކަން ތައާރަފްކުރުމަށް ނިންމަވައި ރާއްޖޭގެ 5 ސަރަހައްދެއްގައި ހަލާލް ޓުއަރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅައި އެ 5 ސަރަހައްދުން ކޮންމެ ސަރަހައްދަކުން 1 ރަށް ސަރުކާރުން މިހާރު ވަނީ އިންވެސްޓްމަންޓަށް ހުޅުވާލާފައެވެ.
ހަލާލް ފަތުރުވެރިކަމަށް ސަރުކާރުން ކަނޑައެޅުއްވި ރަށްތަކަށް އިންވެސްޓްކުރުމަށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
* ހއ. ބީނާފުށި، ހއ. ކަނޑާލިފިނޮޅު
* ހދ. މަކުނުދޫ ފަރު
* ށ.ފުށިފަރު
* ތ. މާގުޅި
* ލ.ފޮނަގާދޫ
މިހާރު ދަނީ މި ރަށްތަކަށް ބިޑަށް ހުޅުވާލައިގެން މައުލޫމާތުދިނުމުގެ ސެޝަންތަކެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ހަލާލް ފަތުރުވެރިކަމަށް ހުޅުވާލާފައިވާ ރަށްތަކަށް މައުލޫމާތު ސާފުކުރުމަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ.
ހަލާލް ފަތުރުވެރިކަމަށް ރަށްތައް ދޫކުރަނީ ވަރަށް ގިނަ ލުއިތަކާއެކުއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، އޯޕަން ބިޑިންއަށް ހުޅުވާލާފައިވާ ރަށްތަކަށް އިކުއިޒިޝަން ފީ އާއި ކޮސްޓް 5 ނުވަތަ 6 އަހަރަށް ބަހާލައިގެން ދެއްކޭނެކަމަށެވެ. އަދި ހަލާލް ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ޑިއުޓީވެސް ކަނޑައަޅާފައިވަނީ %20 ހަމައަށް މައާފްކުރެވޭގޮތަށެވެ. ނަމަވެސް މިހާރު ހުރި ރިސޯޓްތަކުގެ ޑިއުޓީ މައާފްކުރެވެނީ %5 އާއި ހަމައަށެވެ. މިއީވެސް އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑުވެގެންދާނެކަމެކެވެ.
ހަލާލު ޓޫރިޒަމް މަޝްރޫއު ހިންގަން ބޭނުންވާ ފަރާތްތަކުން ޖުލައި 15 އިން އޮގަސްޓް 4 ވަނަ ދުވަހުގެ ނިޔަލަށް ޝައުގުވެރިކަން ފާޅުކުރެވޭނެއެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 1 ވަނަ ދުވަހެވެ.
މައުލޫމާތު ދިނުމުގެ 2 ވަނަ ސެޝަން އޮންނާނީ 3 އޮގަސްޓް ގައެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މައުލޫމާތުދިނުމުގެ ފުރަތަމަ ސެޝަންގައިވެސް ވަރަށް ގިނަ ސުވާލުތައް އެ ވުޒާރާއާއި އަމާޒުވިކަމަށެވެ.
ހަލާލް ނުވަތަ އިސްލާމިކް ޓުއަރިޒަމަކީ މުސްލިމުންނަށް ހާއްސަކޮށް އިސްލާމް ދީނުގެ އަސާސްތަކާއި ފުށުނާރާނެހެން، އެފަދަ އަސާސްތަކަށް އިސްކަންދީގެން ފަތުރުވެރިކަމުގެ ޚިދުމަތްތައް ދިނުމެވެ. ސަރުކާރުން ވިދާޅުވީ، ހަލާލް ޓޫރިޒަމް ތަރައްޤީކުރާނީ ފަތުރުވެރިންނަށް ތަފާތު ގިނަ ޚިދުމަތްތައް ލިބޭނެގޮތައް ކަމަށެވެ. އެގޮތުން މި ރަށްތައް ތަރައްޤީވެގެން އަންނައިރު މިތަންތަނުގައި ފަތުރުވެރިންނަށް ނަމާދުކުރެވޭނެ މިސްކިތްތައް ހުންނާނެއެވެ. އެ ރަށްރަށައް ބަނގުރަލާއި، އޫރުމަސް އެތެރެކުރުން މަނާވާނެއެވެ. އަދި މިތަންތަނުން ތައްޔާރުކުރާ ކެއުންތަކުގައިވެސް އެއްވެސް ވަރަކަށް މިފަދަ ބާވަތްތައް އެކުލެވިފައި ނުހުންނާނެއެވެ. މީގެއިތުރުން މި ރިސޯޓްތަކުގެ މުވައްޒަފުންގެ ހެދުންއެޅުންވެސް ހުންނާނީ އިސްލާމީ މިންގަނޑުތަކާއި އެއްގޮތަށްކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.