ކުޅިވަރު

ޔޫރޯ އަކީ އިނގިރޭސިންނަށް މުހިންމު ތައްޓެއް: ކެޕްޓަން


މިރޭ ކުޅޭ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަކީ އިނގިރޭސިވިލާތަށް ވަރަށް މުހިންމު ކަމެއް ކަމަށް އެ ޓީމުގެ ކެޕްޓަން ލިއާ ވިލިއަމްސަން ބުނެފި އެވެ.

ސްވިޒަލޭންޑްގައި ވޯލްޑް ކަޕް ޗެމްޕިއަން ސްޕޭނާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ވިލިއަމްސަން ބުނީ މި މުބާރާތުގެ ތަށި އިނގިރޭސިންނަށް މުހިންމުވާކަން ހުރިހާ ކުޅުންތެރިންނަށް އިހުސާސް ކުރެވޭ ކަމަށެވެ.

"އަހަރުމެންނަށް މިއީ ވަރަށް ރަނގަޅު ފުރުސަތެއް. އަހަރުމެން ބޭނުންވަނީ މުބާރާތުގައި އެންމެ ފަހު ވަގުތާ ހަމައަށް ދެމި ތިބެން. އަހަރުމެންނަށް އެނގޭ އަހަރުމެންގެ ގައުމު މި ތަށި ބޭނުންވާ ވަރު. އެ އިހުސާސް ކުރެވޭ،" ވިލިއަމްސަން ބުންޏެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ސްޕޭން އަތުން ބަލިވިއިރު އެ މެޗުގައި ވިލިއަންސަން އަނިޔާގެ ސަބަބުން ނުކުޅެ އެވެ. މިހެންވެ އޭނާ ބުނީ މިރޭގެ މެޗަކީ އަމިއްލަ ކެރިއަރަށް ވެސް މުހިންމު މެޗެއް ކަމަށެވެ.

އިނގިރޭސިންނަކީ އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަނުންނެވެ. ސްޕޭނަކީ ވޯލްޑް ކަޕުގެ ޗެމްޕިއަނުންނެވެ. މިހެންވެ ވިލިއަމްސަން ބުނީ ދެ ގައުމު ވެސް އެއްބަޔަކު އަނެއް ބައެއްގެ ފަރާތުން ދަސް ކުރާ ކަމަށާއި މެޗު ވަރަށް ހަމަހަމަވާނެ ކަމަށެވެ.

އޭނާ އަދި ބުނީ މި ވަގުތު ދުނިޔޭގައި އަންހެން ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ގައުމަކީ ވެސް މިއީ ކަމަށެވެ.

"ކުލަބު ލެވެލް އަށް ބަލާއިރު (ސްޕޭނުގެ) ބާސެލޯނާ އަކީ އެންމެ މޮޅު އެއް ޓީމު. އެ މީހުން މި ފަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ބަލިވީ (އިނގިރޭސިވިލާތުގެ) އާސެނަލް އަތުން. އެހެންވީމާ ދެ ގައުމުގެ ފުޓްބޯޅައިގެ ފެންވަރާއި ވާދަވެރިކަން އެބަފެނޭ،" ވިލިއަމްސަން ބުންޏެވެ.

މުބާރާތުގެ ފައިނަލަށް ދެ ގައުމު މިރޭ ނުކުންނައިރު ގިނަ ބައެއްގެ ނަޒަރުގައި މުބާރާތުގެ ފެވަރިޓުންނަކީ ސްޕޭނެވެ. ނަމަވެސް އެ ގައުމުން ބުނީ މުބާރާތުގެ ފެވްރިޓުންގެ ލިބެން ބޭނުންނުވާ ކަމަށެވެ.