ޚަބަރު

ވަޒީރުންގެ މަޖިލިސް 15އަށް މަދުކުރައްވައި، 12 ވަޒީރުން ހުވައިކުރައްވައިފި


  • ބައެއް ވަޒީރުން އެހެން ވުޒާރާތަކަށް ބަދަލުކުރެއްވި

  • އަލަށް ބައެއް ބޭފުޅުން ވަޒީރުކަމަށް އައްޔަނުކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިއަދު ބަދަލުތަކެއް ގެންނަވައިފިއެވެ.

މި ބަދަލުތައް ގެންނަވާފައިވަނީ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 10 ވަޒީރަކު މިއަދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ވަޒީރުންގެ މަޖިލީހަށް މި ގެންނެވި ބަދަލުތަކާއެކު މިއަދު ޢައްޔަންކުރެއްވި 12 ވަޒީރުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އައު ވަޒީރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަގާމަށް އައްޔަނުކުރެއްވި ބޭފުޅުންނަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުއެވެ. އަދި ވަޒީރުކަމުގެ ފަތްކޮޅު ނުވަތަ ލިޔުން ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ރަސްމިއްޔާތުގައި ކުރިން މަގާމުތަކުގައި ތިއްބެވި ބައެއް ވަޒީރުން އެހެން ވުޒާރާތަކަށް ބަދަލުކޮށް، އަލަށް ބައެއް ބޭފުޅުން ވަޒީރުކަމުގެ މަގާމަށް އައްޔަނުކޮށްފައިވެއެވެ.

އަލަށް އައްޔަނުކުރެއްވި ވަޒީރުން:

- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒެސް- މޫސާ ޒަމީރު. މޫސާ ޒަމީރަކީ، މީގެ ކުރިންވެސް މާލީ ވަޒީރުގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. މޫސާ ޒަމީރު ވަނީ 2023ވަނަ އަހަރު ޚާރިޖީ ވަޒީރު، 2008ވަނަ އަހަރު ފަތުރުވެރިކަމާއި ބެހޭ ވަޒީރު، އަދި 17ވަނަ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ- ޢަލީ އިޙުސާން. މީގެ ކުރިން ދާޚިލީ ވަޒީރުގެ މަޤާމުގައި ހުންނެވި ޢަލީ އިޙުސާނު އައްޔަނުކޮށްފައިވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީގެ މަޤާމަށެވެ. މަރުކަޒީ ބޭންކުގެ މެމްބަރުކަން އަދާކުރެއްވި އިޙުސާނަކީ ޤައުމީ ދިފާޢީ ބާރުގައިވެސް އަހަރުތަކެއް ވަންދެން އެކި މަޤާމުތައް ފުރުއްވި ބޭފުޅެކެވެ.

- މިނިސްޓަރ އޮފް ފޮރިން އެފެއާޒް- އިރުތިޝާމް އާދަމް. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް އައްޔަނުކުރެއްވި އިރުތިޝާމް އާދަމަކީ، މީގެ ކުރިން ދިވެހިރާއްޖޭގެ ފަރާތުން އިނގިރޭސި އަދި ފަރަންސޭސިވިލާތައް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރެވެ. 2007ވަނަ އަހަރުން ފެށިގެން ޚާރިޖީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއްއް ކޮށްދެއްވި އިރުތިޝާމަކީ މީގެ ކުރިން ޞިއްޙީ އަދި ކުޅިވަރާއި ބެހޭ ވަޒީރުގެ މަޤާމުވެސް އަދާކުރެއްވި ހީވާގި ކަނބަލެކެވެ.

- މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް- ޑރ. އިސްމާޢީލް ޝަފީޢު. މިނިސްޓަރ އޮފް އެޑިއުކޭޝަނާއި ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވޮލޮޕްމެންޓުގެ މެންޑޭޓު އެއްކޮށްލުމަށްފަހު މި ވުޒާރާގެ ވަޒީރު ކަމަށް އައްޔަނުކުރެއްވި ޑރ. އިސްމާޢީލް ޝަފީޢުއަކީ، ތަޢުލީމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން މީގެ ކުރިން ތަޢުލީމީ ވުޒާރާގެ އެކި މަޤާމުތައް ފުރުއްވާފައިވާއިރު، އޭނާ ވަނީ އިސްލާމިކް ޔުނިވަރސިޓީގެ ރިސަރޗް އެންޑް ޕަބްލިކޭޝަންސް ސެންޓަރުގެ ޑީންގެ މަޤާމުވެސް ފުރުއްވާފައެވެ.

- މިނިސްޓަރ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއަރ- ޤީލާ އަލީ. މިނިސްޓަރ އޮފް ހެލްތު ފެމިލީ އެންޑް ވެލްފެއަރ ޤީލާ އަލީއަކީ، ލަންޑަން ސްކޫލް އޮފް ހައިޖިން އަދި ޓްރޮޕިކަލް މެޑިސިންއިން މާސްޓަރސް ހާސިލްކުރައްވާފައިވާ ކަނބަލެކެވެ. އަދި ޞިއްޙީ ވުޒާރާގެ އެކި މަގާމުތައް ފުރުއްވާފައިވާއިރު އޭނާ ވަނީ އެ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުވެސް ފުރުއްވާފައެވެ. ޞިއްޙީ ވުޒާރާގެ އިތުރުން ގީލާ ވަނީ، ޚާރިޖީ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމުން ފެށިގެން އެކި ގައުމުތަކުގެ ސަފީރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.

- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް- މުޙައްމަދު ސަޢީދު. މިހާރުވެސް އިޤްތިޞާދީ ވަޒީރުގެ މަޤާމު އަދާކުރައްވަމުންދާ ވަޒީރު މުޙައްމަދު ސަޢީދު ވަނީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑަށް އައްޔަނު ކުރައްވާފައެވެ. ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ދާއިރާއިން މާސްޓަރޒް ހާސިލްކޮށްފައިވާ ސަޢީދަކީ، މި ދާއިރާގައި 15 އަހަރުގެ ތަޖުރިބާ ލިބިފައި ހުރި ބޭފުޅެކެވެ. މީގެ އިތުރުން 2013ވަނަ އަހަރުވެސް ސަޢީދު ވަނީ އިޤްތިޞާދީ ވަޒީރު ކަމުގެ މަޤާމު އަދި އޭގެ ކުރިން ރައްޔިތުންގެ މަޖިލީިހުގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑައުމަންޓްސް- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. މިހާރުވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރުކަމުގައި ހުންނެވި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީ މެލޭޝިއާއިން ޑޮކްޓަރއިން ފިލޯސޮފީން ޑޮކްޓޮރޭޓް ހާސިލްކޮށްފައިވާ ބޭފުޅެކެވެ. އަދި 2012ވަނަ އަހަރުވެސް އޭނާ ވަނީ، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރުގެ މަޤާމު ފުރުއްވާފައެވެ. މީގެ އިތުރުން ޝަހީމަކީ، އިސްލާމީ ދުނިޔޭގައި އެންމެ ނުފޫޒުުގަދަ 500 ޝަހްސިއްޔަތުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

- މިނިސްޓަރ އޮފް ޓުރިޒަމް އެންޑް ސިވިލް އެވިއޭޝަން- މުޙައްމަދު އަމީން. ކެޕްޓަން އަމީންގެ ނަމުން ނމަޝްހޫރު މުޙައްމަދު އަމީން އައްޔަން ކުރައްވާފައިވަނީ މިނިސްޓަރ އޮފް ޓުރިޒަމް އެންޑް ސިވިލް އެވިއޭޝަން ކަމަށެވެ. އޭވިއޭޝަން ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރައްވާފައިވާ އަމީން ވަނީ ވޭތެދިޔަ އަހަރުތަކުގައި މި ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

- މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް- ޢަބްދުﷲ ރާފިޢު. މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް ޢަބްދުﷲ ރާފިޢުއަކީ، އިންޑިއަން އިންސްޓިޓިއުޓް އޮފް ފިސިކަލް މެޑިސިންގައި ސްޕޯޓްސް ފިސިއޮތެރަޕީ އަދި ފިޝިއަންގެ ދާއިރާއިން ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރާފިޢުވަނީ ސްޕޯޓްސް ކައުންސިލް މެމްބަރުކަންވެސް އަދާކުރައްވާފައެވެ.

- މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް- ހީނާ ވަލީދު. އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވަނީ، މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ކަމަށް އައްޔަނުކުރައްވާފައެވެ. އަދި މީޑިއާގެ ދާއިރާއަށް އެތައް އަހަރުތަކެއް ވަންދެން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހީނާއަކީ ރައީސް އޮފީހުގެ ތަރުޖަމާނުވެސް މެއެވެ.

މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް- ޢަބްދުﷲ މުއްޠަލިބް. މުއްޠަލިބަކީ، ޔޫސީއެލްއިން ސިވިލް އިންޖިނިއަރިން ދާއިރާއިން މާސްޓާސް އަދި ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ ކުރިން މި ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރެއްވި މުއްޠަލިބަކީ އިންޖިނިއަރިން ދާއިރާގައި އެތައް އަހަރުތަކެއް ވަންދެން އެކިއެކި މަޤާމުތައް ފުރުއްވި ބޭފުޅެކެވެ.

މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ- ޢަލީ ޝަރީފް. ޢަލީ ޝަރީފަކީ، ފްލިންޑާސް ޔުނިވަރސިޓީން މީޓިއޮރޮލިޖީ ދާއިރާއިން ބެޗެލާސް ޑިގްރީ އަދި ޔުނިވަރސީޓީ އޮފް ކޭންޓަބަރީއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޝަރީފަކީ، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖުގެ މަޤާމު އަދާކުރެއްވި ބޭފުޅެއްވެސް މެއެވެ. އަދި އޭނާ ވަނީ، މީގެ ކުރިން ތިމާވެއްޓާ ބެހޭ ވުޒާރާގެ ޑިރެކްޓަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.

ރައީސް އޮފީހުން ވިދާޅުވީ، 20 ވަޒީރުން ތިއްބަވާ ކެބިނެޓުގެ ދެބައިކުޅަ އެއްބައި ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުން ކަމަށެވެ. މި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އިތުރު ހަލުވިކަމެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މި ވަޒީރުންނާއެކު ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއާއި އިތުރު ދެ ވުޒާރާއެއްގެ ވަޒީރުން ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ.