ޚަބަރު

އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލަށް އައުމަކީ ޕްރެޝަރެއް، ކުޅޭނީ ފޯސީޒަނަކީ މޮޅު ޓީމެއްކަން ދަނެގެން: ނަބީލް


ރިސޯޓް ވޮލީބޯޅަ ލީގުގެ ނޯތް މާލޭ ލީގުގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލަށް އައުމަކީ ވަރަށް ބޮޑު ޕްރެޝަރެއް ކަމަށާއި، އެހެންނަމަވެސް ފައިނަލަށް ވާންޖެހޭ އެންމެ ފުރިހައަށް ޓީމު އޮތީ ތައްޔާރަށް ކަމަށް ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓު ޓީމުގެ ކެޕްޓަން އަހުމަދު ނަބީލް ބުނެފިއެވެ.

މާދަމާ ކުޅޭ ފައިނަލްގައި ރީތިރަށް ނިކުންނާނީ ފޯސީޒަން ކުޑަހުރާ ރިސޯޓާއި ދެކޮޅަށެވެ.

ނަބީލު ބުނީ މި މުބާރާތުގައި ބޭނުންވި ހިސާބަށް އާދެވިފައިވާ ކަމަށާއި ފައިނަލަށް ޓީމު އޮތީ ތައްޔާރަށް ކަމަށެވެ. އަދި އިދިކޮޅު ޓީމު ފޯސީޒަނަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި، ފައިނަލްގައި ކުޅޭނީ އެކަން ދަނެގެން އެޓީމަށް އިހްތިރާމުކޮށްގެން ކަމަށެވެ.

މުބާރާތުގެ އިންތިޒާމުތަކާއި ގުޅޭގޮތުން ނަބީލު ބުނީ މިއީ އިންތިޒާމުތައް ވަރަށް ފުރިހަމަ މުބާރާތެއް ކަމަށެވެ.

ރިސޯޓް ވޮލީބޯޅަ ލީގުގެ ނޯތް މާލޭ ލީގުގެ ފައިނަލުގައި ރީތި ރަށާއި ދެކޮޅަށް ނިކުންނަ ފޯސީޒަން ކުޑަހުރާ ރިސޯޓަށް ދިމާވި އެންމެ ބޮޑު އުނދަގުލަކީ ޓީމު އެއްކޮށް ފަރިތަކޮށްލަން ލިބުނު ވަގުތު މަދުވުން ކަމަށް އެޓީމުގެ ކޯޗު އަދުނާން އަބްދުއްރަހީމް ބުންޏެވެ.

ކޯޗު އަދުނާނު ބުނީ ސެމީ ފައިނަލްގައި މީރު މޯލްޑިވްސް އާއި ބައްދަލުކުރި މެޗުގައި އެކަން ފެނިގެން ދިޔަކަމަށެވެ. ޓީމުގެ ބައެއް ކުޅުންތެރިން މާލޭގައި އޮތް މުބާރާތްތަކެއްގައި ކުޅެން ޖެހުމުގެ ސަބަބުން މުޅި ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިނުވެވުނު ނަމަވެސް ޓީމުން މުބާރާތުގައި ދެއްކި ކުޅުމާމެދު ޖުމްލަކޮށް ހިތްހަމަޖެހޭ ކަމަށް އަދުނާނު ބުންޏެވެ.

އަދުނާނު ބުނީ ފޯ ސީޒަނުން އައީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން ކަމަށާއި، ފައިނަލް މެޗަށްވެސް އެހެން މެޗުތަކަށްވުރެ ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ.

"ޓީމެއް ގޮތަށް ތައްޔާރުވާން ވަރަށް އުނދަގޫވި މާލޭގައި މުބާރާތްތައް ކުޅުނީ 3 ކުޅުންތެރިން އެހެންވީމަ ޓީމު އެއްކޮށް ޕްރެކްޓިސް ކޮށް ނުލެވުންތަންކޮޅު ސެމީގައިވެސް ދެއްކި. މެޗަކަށްފަހު މެޗަކަށް ތައްޔާރުވަމުން ދަނީ ކުރިޔަށް އޮތް ފައިނަލްގައިވެސް ރަނގަޅުވާނެ ކަމަށް ބަލަނީ" އަދުނާނު ބުންޏެވެ.

އަދި ސެމީ ފައނަލްގައި ނިކުތީ 9 އަހަރުވަންދެން އޭނާ ކޯޗުކޮށްދިން މީރު މޯލްޑިވްސްގެ ޓީމާއި ދެކޮޅަށް ކަމަށާއި އެޓީމުން ދެއްކި ހިތްވަރު ފާހަގަ ކުރެވޭކަމަށްވެސް އަދުނާނު ބުންޏެވެ.

މުބާރާތުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން އަދުނާނު ބުނީ ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސްގެ ރައީސް ޝާފީ ލީޑްކޮށްގެން ކުރިޔަށް ގެންދާނަމަ ރަނގަޅަށް ކުރާނެކަމުގެ ޔަގީންކަން އޮންނަ ކަމަށެވެ. އަދި މުބާރާތަކަށްފަހު މުބާރާތެއް ރަނގަޅުކުރަމުން އަންނަ ކަމަށާއި، ވަން އެންޑް އޮންލީ ރީތި ރަށުގެ މެހެމާންދާރީ އާއި އިންތިޒާމުތައްވެސް ވަރަށް ރަނގަޅު ކަމަށެވެ.