ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމުގައި ދިވެހި އަސްކަރިއްޔާއިން އެންމެ ތަންފުކެއްވެސް ފަހަތަށް ނުޖެހޭނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ސަލާމަތީ ބާރުތަކާއި ބައްދަލުކުރައްވާފައެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވީ، ރާއްޖެއަކީ މިނިވަން ފަޚުރުވެރި ތާރީޚެއް އޮތް ޤައުމެއްކަމަށެވެ. އެގޮތުން 4500 އަށްވުރެ ދޮށީ ތާރީޚު ދިވެހީން ހޭދަކޮށްފައިވަނީ މިނިވަންކަންމަތީކަން ޗީފް ފާހަގަކުރެއްވިއެވެ. އަދި މިއީ ދުނިޔޭގެ މަދު ޤައުމަކަށް ލިބިފައިވާ ޝަރަފެއްކަމަށް ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތީ ދިވެހީންގެ ކާބަފައިން ވެވަޑައިގަތް މަތިވެރި ޤުރުބާނީގެ ސަބަބުންކަމަށާއި، މިޤުރުބާނީގެ މައި ތަނބަކީ ދިވެހި އަސްކަރިއްޔާގެ ބަދަހި ލަޝްކަރުތައްކަމަށެވެ. އަދި މިކަން މިގޮތުގައި ދިވެހި އަސްކަރިއްޔާއިން ދަމަހައްޓަވާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
"3 ނޮވެމްބަރު 1988 ގައި އަސްކަރިއްޔާ ސާބިތުކޮށްދިނީ ދިވެހީންގެ މިނިވަންކަން ދިފާޢުކުރުމަށް އެއީ ކުޑަކޮށްވެސް ފަހަތަށް ޖެހޭނެބައެއް ނޫންކަން. އެންމެ އިންޗިއެއްވެސް އަދި އެންމެ މިލިމީޓަރެއްވެސް ފަހަތަށް ޖެހޭނެބައެއް ނޫންކަން. ހަށިގަނޑާއި ފުރާނާއިން ޤުރުބާންވާނީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށްކަން." ޗީފް އޮފް ޑިފެންސް ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އަހަންމިއްޔަތުކަމުގެ ދަށުން އަސްކަރިއްޔާ ހަރުދަނާކުރެއްވުމަށް ކުރައްވަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން އަސްކަރިއްޔާގެ ހަރުދަނާކަން ގުޅިފައިވަނީ ދިވެހީންގެ މިނިވަންކަމާއި އިސްތިޤުލާލު ޙިމާޔަތްކުރުމާއިކަމަށާއި، އަސްކަރިއްޔާ މިހާރު ބައްޓަންވަމުންދަނީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި ފަސްނުޖެހި ޚިދުމަތްދެވޭނެ ފަދަގޮތަކަށްކަމަށް ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީވަނީ ތާރީޚުގައި ދިވެހި އަސްކަރިއްޔާއިން ދައްކުވައިދިން މަތިވެރި ޖިހާދުތަކަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ކަނޑުގެ ބާޒުތަކުން ކަނޑުމަތީގައި ކުރި އެކި ހަނގުރާމަތަކުގައި ދިވެހި އަސްކަރިއްޔާއިން ދުޝްމަނުން ބަލި ކުރި މާޒީއާއި، 1988 ވަނަ އަހަރުވެސް ދިވެހީންގެ މިނިވަންކަމުގެ ޝަރަފުގައި އަސްކަރިއްޔާއިން ދައްކުވައިދެއްވި ނަމޫނާ މަސައްކަތް ޗީފް ފާހަގަކުރެއްވިއެވެ.
ދިވެހި ސިފައިންނާއި ފުލުހުންނަކީ މިއަދު ވަކި ދެ ޚިދުމަތެއްކަމުގައިވީނަމަވެސް ޤައުމީ ޚިދުމަތުގައި އެހީތެރިކަމަށް އެދި ގޮވާލި ކޮންމެ ދަނޑިވަޅެއްގައި ދިވެހި ފުލުހުންގެ ފަރާތުން ލިބިގެންދާ އެހީތެރިކަން ފާހަގަކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ޝުކުރުއަދާކުރައްވާފައެވެ.