ރިސޯޓް ވޮލީބޯލް ލީގު 2025 ގެ ނޯތު މާލޭ ލީގުގެ ފައިނަލަށް ފޯ ސީޒަން ރިސޯޓް ކުޑަހުރާ އާއި ވަން އެންޑް އޮންލީ ރީތި ރަށް ދަތުރުކޮށްފިއެވެ.
ފައިނަލްގެ ފަހު ޖާގަ ފޯ ސީޒަނުން ހޯދީ މިއަދު ކުޅުނު ސެމީފައިނަލްގައި މީރު މޯލްޑިވްސް 3-1 ސެޓުން ބަލިކޮށްގެންނެވެ.
މިމެޗުގެ ފުރަތަނަ ސެޓު މީރު މޯލްޑިވްސް ރިސޯޓުން ގެންދިޔައީ 28-26 ންނެވެ. ދެވަނަ ސެޓުގައި ފޯސީޒަން ކުޑަހުރާއިން ކުޅުން ރަނގަޅުކޮށް 25-23 ން އެ ސެޓު ކާމިޔާބުކުރިއެވެ. ތިން ވަނަ ސެޓު މީރު މޯލްޑިވްސްއިން ގެންދިޔައީ 25-23 ންނެވެ. ހަތަރުވަނަ ސެޓުގައި މީރު މޯލްޑިވްސްއަށް ގިނަ ގޯސްތަކެއް ހެދިފައިވާއިރު އޭގެ ފައިދާ ނަގާ ފޯސީޒަން ކުޑަހުރާއިން ވަނީ ފަސޭހަކަމާއެކު އެ ސެޓު 25-16 ކާމިޔާބުކޮށްފައެވެ.
މިމެޗުން ބަލިވި މީރު މޯލްޑިވްސް އަށް ވަނީ މުބާރާތުގެ ދެވަނަ ރަނަރަޕްކަން ލިބިފައެވެ. ސެމީ ފައިނަލް މެޗަށްފަހު މީރު މޯލްޑިވްސްގެ ކުޅުންތެރިންނަށް ވަނީ 10 ހާސަ ރުފިޔާ އާއި ލޯ މެޑަލް ހަވާލުކޮށްފައެވެ.
މި މުބާރާތުގެ ފައިނަލު މެޗުގައި މި ޒޯންގެ އެންމެ ވަރުގަދަ ޓީމު ވަން އެންޑް އޮންލީ ރީތި ރަށާއި ދެކޮޅަށް ފޯސީޒަން ނިކުންނާނީ މިމަހުގެ 28 ގައެވެ. މި މުބާރާތުގެ ނޯތް މާލޭ ލީގުގެ ހުރިހާ މެޗެއްވެސް ކުޅެފައިވަނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައެވެ.
މި މުބާރާތަކީ މޯލްޑިވްސް ވޮލީބޯލް އެކަޑަމީން އިންތިޒާމުކޮށްގެން އެކި ޒޯންތަކުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. ނޯތް މާލޭ ޒޯނުގެ ކުޅުން ނިމެން ކައިރިވެފައިވާއިރު މިހާރުވަނީ ބާ އަތޮޅު ޒޯނުގެ މެޗުތައްވެސް ފަށާފައެވެ.