ޚަބަރު

ފުރިހަމަ މިނިވަންކަން ހޯދުމަށް ދިވެހިންކުރި ޤައުމީ މަސައްކަތުން އަދުގެ ޖީލަށް މުހިންމު ފިލާވަޅުތަކެއް!


  • ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ މިއަހަރަށް 60 އަހަރު ފުރޭނެ

  • މިނިވަންކަމަކީ ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ނަޞީބު

  • ޤައުމަށް ލޯބިކުރާ ދަރިންތަކެއް ތަރުބިއްޔަތުކުރަންޖެހޭ

ޤައުމެއްގެ ހައިސިއްޔަތުން ފުރިހަމަ މިނިވަންކަން ހޯދުމަށްކުރާ ދަތުރުގެ ހަނދާންތަކަކީ އެ ޤައުމެއްގެ ތާރީޚާއި ޤައުމިއްޔަތުގެ އަސާސްތަކާއި ބަހާތަކާގުޅިފައިވާ މުހިންމު ހަނދާންތަކެކެވެ.

މިއަދު އަޅުގަނޑުމެން ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ރާއްޖޭން ފުރިހަމަ މިނިވަންކަން ހޯދުމަށް ކުރި މަސައްކަތުގެ ހަނދާންތައް ގުޅިފައިވަނީ އިނގިރޭސީންގެ ހިމާޔަތުން ނެއްޓުމަށް ކުރި ޤައުމީ ބޮޑު މަސައްކަތާއެވެ. މިއީ މިހާރުގެ ޖީލަށް މުހިންމު އިބުރާތްތަކެއް ގެނެސްދޭނެ ވާހަކަތަކެކެވެ.

މިނިވަންކަމަކީ ކޮންމެ ޤައުމަކަށްވެސް ލިބޭނެ އެންމެ އަގުހުރި އެއް ނިޢުމަތެވެ. ޤައުމަކަށް މިނިވަންކަން މުހިންމުވަނީ އެ ޤައުމެއްގެ ރައްޔިތުންގެ ކަންކަން އަމިއްލައަށް ނިންމުމުގެ ބާރު ލިބިގެންވާތީއެވެ.

އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައިއޮތް އޮތުމަށްފަހު، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަލުން ހަމަޖެހިލީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަސް ފާހަގަކުރަނީ މި ތާރީޚީ ދުވަހާ ގުޅުވައިގެންނެވެ.

ދިވެހިރާއްޖެ އިނގިރޭސީންގެ ޚިމާޔަތުގެ ދަށަށް ދިޔައީ 1887 ގައި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ) އާއި ސިލޯނުގައި ހުންނެވި، އިނގިރޭސި ގަވަރުނަރު ސަރ އޭއެޗްގޯޑަންއާއި ދެމެދު ސޮއިކުރެއްވި މުއާހަދާއާއެކުގައެވެ.

މިފަދަ އެއްބަސްވުމަކަށް ދިވެހިން އޭރު ދާންޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ އިޤްތިޞާދީގޮތުން ޤައުމު އޮތް ނާޒުކު ޙާލަތާއި، ސިޔާސީގޮތުން އޮތް ހަލަބޮލިކަމުގެ ތެރެއިން ބޭރު ބައެއްގެ ފުށުން ޤައުމަށް އަތުވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށެވެ.

މި އެއްބަސްވުމުގެ ދަށުން އިނގިރޭސީންގެ ޚިމާޔަތް ރާއްޖެއަށް ލިބުނެއްކަމަކު، ރާއްޖޭގެ އެތެރޭގެ ކަންކަމަށް އެމީހުންގެ ބާރާއި ނުފޫޒު ވެއްދުމަށް އެކި ދުވަސްވަރުމަތިން މަސައްކަތްކޮށްފައިވާކަން ތާރީޚުން އެނގެން އެބައޮތެވެ. ނަތީޖާއަކަށް ވެގެންދިޔައީ އެމީހުންގެ ޚިމާޔަތުގެ ދަށުގައި 77 އަހަރު ހޭދަކުރުމަށްފަހު ފުރިހަމަ މިނިވަން މުސްތަޤިއްލު ޤައުމަކަށްވުމުގެ ރޫހު ދިވެހިންގެ ތެރޭގައި އުފެދިގެން ދިއުމެވެ.

އަޅުގަނޑުމެންނަށް މި މިނިވަންކަން ހޯދައިދިނުމުގެ އެންމެ އިސް މޭސްތިރިއަކީ އޭރުގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުއެވެ. މި މަސައްކަތުގައި އެމަނިކުފާނާއި އަރިހުގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅުން މަސައްކަތްޕުޅުކުރެއްވީ ފިސާރި ވަރުގަދަ ވަޠަނީ ލޯތްބަކާއި ޤައުމީ ރޫޙެއްގައެވެ. ސިޓީބިޓީގެ ޒަރިއްޔާއިން ކުރެވުނު މަޝްވަރާތަކާއި، ދެ ޤައުމުގެ އިސް ވަފުދުތަކުގެ މެދުގައި ބޭއްވުނު މަޝްވަރާތަކުގައިވެސް ދިވެހިން ދިޔައީ ފުރިހަމަ މިނިވަންކަމާއި އިސްތިޤުލާލު ނަގަހައްޓާ ދެމެހެއްޓުމަށްޓަކާ އެންމެ ތަންކޮޅެއްވެސް ދޫދިނުމެއްނެތި އަޑުހަރުކޮށް ވަކާލާތު ކުރަމުންނެވެ.

މިނިވަންކަމަކީ ޤައުމެއްގެ ސިޔާދަތާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމުގެ މައިގަނޑު އަސާސެވެ.

މިނިވަންކަން އޮތުމުން ޤައުމުގެ ވަސީލަތްތައް ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ލިބި، ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެ، ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރެވެއެވެ. ދިވެހިން މިއަދު މިދެކޭ މިނިވަންކަމަކީ، މިޤައުމުގެ މިނިވަކަމާއި ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓުމަށް ދިވެހި އެތައް އަބުޠާލުން ކޮށްދެއްވި އަގުހުރި މަސައްކަތުގެ ފޮނިމޭވާއެވެ.

ޤައުމެއްގެ މިނިވަންކަން ދެމެހެއްޓުމަކީ އެ ޤައުމެއްގެ ޤައުމިއްޔަތު ދެމެހެއްޓުމުގެ އަސާސެވެ. މިނިވަން ޤައުމަކަށް ވުމުން، އެ ޤައުމެއްގެ ރައްޔިތުންނަށް އަމިއްލަ ސަޤާފަތާއި އާދަކާދަ ދެމެހެއްޓުމުގެ ފުރުޞަތު ލިބެއެވެ. އަދި އަމިއްލަ ވެރިކަމެއްގެ ދަށުން އަމިއްލަ ކަންކަން ނިންމުމުގެ ބާރު ލިބެއެވެ. މިކަންކަމަކީ ޤައުމިއްޔަތު ވަރުގަދަ ކުރުމަށް މަގުފަހިވާ އެންމެ މައިގަނޑު ސިފަތަކެވެ.

މިނިވަންކަން އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓުމަށްޓަކާ ޤައުމިއްޔަތުގެ އަސާސްތަކަކީ ކޮބައިކަން ދެނެގަނެ، އެކަންކަމަށް މިއަދުގެ މުޖްތަމަޢު ހޭލުންތެރިވުން މުހިންމެވެ. ވަކިން ޚާއްސަކޮށް މާތްވެގެންވާ އިސްލާމްދީނުން ދަސްކޮށްދޭ ރިވެތި އަޙްލާޤުގެ ސިފަތަކާއި ޤައުމިއްޔަތުގެ ބަހާތައްކަމަށްވާ ދިވެހިބަހާއި ސަޤާފަތަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދޭންޖެހެއެވެ.

މިފަދަ ދުވަހެއްގައި ޤައުމީ ލޯބި އާލާކޮށް، ޤައުމުގެ މަޞްލަޙަތު އިސްކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އަޒުމަކަށް ހަދަންޖެހެއެވެ. މި ލޮބުވެތި ފަސްގަނޑުގެ ދިފާޢުގައި ޖާނާއި މާލުން ޤުރުބާންވި އަބުޠާލުންގެ ޒިކުރާ އަބަދުމެ އައު ކުރަންޖެހެއެވެ. ބޮޑެތިވަމުން އަންނަ ދަރިންގެ ހިތްތަކުގައި ޤައުމިއްޔަތަށް އޮންނަ ލޯބި އިތުރުކުރަންޖެހެއެވެ. މިއީ ވަކި ފަރުދަތަކަށްވުރެ ބޮޑަށް މުޖްތަމަޢުއެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކުރަންޖެހޭ ޤައުމީ ކަމެކެވެ.