ވާވު އަތޮޅު ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ ބޯޓު، ޝިޕްރެކް ފަރުން ނެއްޓިގެން، އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިބޯޓު އޮޔާދާނެ ކަމަށް ލަފާކުރެވެނީ ވ.އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށް ކަމަށެވެ. އެހެންކަމުން ވ.އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އެމްއެންޑީއެފުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޚާއްޞަކޮށް ރޭގަނޑު އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސްވަނީ އިލްތިމާސްކުރައްވާފައެވެ.
ވ. އަތޮޅުގައި އޮންނަ ޝިޕްރެކަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލް ތަނެކެވެ. ރިސޯޓުތަކުންނާއި އަދި އެއަތޮޅުގެ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށްރަށަށްވެސް މި ޝިޕްރެކުގެ ސަބަބުން އެތައް ފައިދާއެއް ކުރެއެވެ. އަހަރަކު އެތައް ސަތޭކަ ފަތުރުވެރިންނެއް މިތަން ބަލާލާ ތަޖުރިބާކޮށްލަން ވ. އަތޮޅަށް ޒިޔާރަތްކުރެއެވެ. ފަތުރުވެރިންގެ އިތުރުން ދިވެހިންގެ ތެރޭގައި ވެސް މިތަނަކީ މަޤްބޫލުތަނެކެވެ.
މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު ކުރި ގަދަ ވިއްސާރާގައި އެ ބޯޓަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.