ނ. ހެނބަދޫގައި އަލަށް ބިނާކުރާ މިސްކިތުގެ ބިންގާ އަޅުއްވައފިއެވެ.
މި މިސްކިތުގެ ބިންގާ އަޅުއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުންގެންދާވާ ދަތުރުފުޅުގެތެރެއިން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ޞައީދުއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި މަސައްކަތް ހަވާލުކޮށްފަވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. އެވުޒާރާއިން ވިދާޅުވީ މި މިސްކިތަކީ، 500 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށެވެ. މި މިސްކިތުގައި ލައިބްރަރީއަކާއި ކްލާރޫމެއް ހިމެނޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. މިއީ ރަށްތަކުގައި އިސްލާމީ ތަޢުލީމު ކުރިއަރުވާ އެކަމަށް މަގުފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިސްކިތް ހުންނާނީ އޭސީ ކޮށްފަކަމަށާއި، މިސްކިތް އޭސީ ކުރާނީ އިރުގެ ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުންކަމަށެވެ.
މި މަޝްރޫޢު ފެނަކައާ ހަވާލުކޮށްފަވަނީ 11.6 މިލިއަން ރުފިޔާއަށް، 1 އަހަރު ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.