ޚަބަރު

އައްޑޫ ސިޓީން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް ކަރަންޓު ދޭން ފަށައިފި


  • ކަރަންޓު ކެނޑިފައިވަނީ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން

  • 6 ސަރަހައްދު ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް މިހާރުވަނީ ކަރަންޓު ދީފައި

އައްޑޫ ސިޓީން ކަރަންޓު ކެންޑުނު މައްސަލަ ހައްލުކޮށް ގުޅިފައިވާ ރަށްރަށަށް ކަރަންޓު ދޭން ފަށާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ފެކަނައިން ވިދާޅުވީ ކަރަންޓު ކެނޑިފައިވަނީ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެންކަމަށެވެ. ކަރަންޓު ކެނޑުމާއި ގުޅިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތް ފެށިކަމަށް ފެނަކައިން ވިދާޅުވިއެވެ.

ފެނަކައިން ވިދާޅުވީ ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް 6 ސަރަހައްދު ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓު ދީފައިވާކަމަށެވެ. އަދި ބާކީ ހުރި ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 19 ޖަނަރޭޓަރުގެ ތެރެއިން، ގިނަ ޖަނަރޭޓަރުތައް އޯވަހޯލް ނުކޮށް ހުރުމުގެ ސަބަބުން ހަލާކުވުމުންނެވެ. މިސަރުކާރުން ދަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެސިޓީއަށް 3 ޖަނަރޭޓަރުވަނީ ފޮނުވާފައެވެ. އެންމެފަހުން ފޮނުވާފައިވަނީ 1.8 މެގަވޮޓުގެ ޖަނަރޭޓަރެކެވެ. އަދި ހޯވަރހޯލްނުކޮށް ހުރި ޖަނަރޭޓަރުތަކުގެ ތެރެއިން ބައެއް ޖަނަރޭޓަރުތައް ވަނީ އޯވަރހޯލްކޮށްފައެވެ.

އައްޑޫ ސިޓީގެ ކަރަންޓު މައްސަލައަށް ވަގުތީ ހައްލުތައް ހޯދުމަށް މަސައްކަތްތައް ކުރަމުން އަންނައިރު މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްވެސް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.