ޚަބަރު

އުތުރާއި މެދުރާއްޖެ ތެރެއަށް ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސް


  • ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލަށް ވައިގަދަވާނެ

  • ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

އަދި އުތުރާއި މެދުރާއްޖެ ތެރޭ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެއިދާރާއިން ވިދާޅުވިއެވެ

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކަނޑުތައް ގަދަވާނެކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.