ޚަބަރު

ކާވާ މެންސް ޗެމްޕިއަންސް ލީގު: އެޗްޑީސީ އަތުން ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު މޮޅުވެއްޖެ


ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިޔަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި ރޭ ކުޅުނު މެޗު ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފިއެވެ.

މި މެޗުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުން ނިކުތީ ރާއްޖޭގެ ކުލަބު އެޗްޑީސީ އާއި ދެކޮޅަށެވެ.
މި މެޗު ފަށައިގެން ދެޓީމުންވެސް މޮޅު ކުޅުމެއް ދައްކަމުން އައިނަމަވެސް ފުރަތަމަ ދެ ސެޓުވެސް ކާމިޔާބު ކުރީ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުންނެވެ.

މެޗުގެ ފުރަތަމަ ސެޓު 25-19 އަދި 25-23 ން ހެލްޕް ނޭޕާލުން ގެންދިޔަ ނަމަވެސް ތިންވަނަ ސެޓުގައި އެޗްޑީސީން ކުޅުން ރަނގަޅުކޮށް އެ ސެޓު 25-19 އިން ކާމިޔާބުކުރިއެވެ. އެހެންނަމަވެސް ޖެހިގެން އައިސެޓުގައި ނޭޕާލުން ވަނީ 25-22 ން އެޗްޑީސީގެ މައްޗަށް ކުރި ހޯދާފައެވެ.

މި މުބާރާތުގައި ރާއްޖޭގެ ދެ ކުލަބު ކަމަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު އެޗްޑީސީގެ އިތުރުން ހަތަރު ޓީމެއް ވާދަކުރެއެވެ. އެއީ ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި، ލަންކާގެ ޕޯޓްސް އޮތޯރިޓީ އާއި، ކިރިގިސްތާނުގެ ބިޝްކެކުގެ އިތުރުން ކަޒަކިސްތާނުގެ ޒައިކްއެވެ.

މިމަހުގެ 17 އިން 23 އަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ ކުލަބު ޗެމްޕިންޝިޕުގެ ދެވަނަ ސީރީޒްއެވެ. މިދިޔަ އަހަރު މިމުބާރާތް ނޭޕާލުގައި ކުރިއަށް ގެންގޮސްފައިވާއިރު، ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ނަމުގައި މިމުބާރާތް ބާއްވާ މިއީ ފުރަތަމަ އަހަރެވެ.