ޚަބަރު

ކާވާ މެންސް ޗެމްޕިއަންސް ލީގު: ސިފައިން އަތުން ސީދާ ތިން ސެޓުން ޒައިކް މޮޅުވެއްޖެ


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި އިއްޔެ ހަވީރު ދިވެހި ސިފައިންގެ ކުލަބާއި ޒައިކް ވޮލީބޯލް ކުލަބު ބައްދަކުކުރި މެޗު ސީދާ ތިން ސެޓުން ކަޒަކިސްތާނުގެ ޒައިކް ކާމިޔާބުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިޔަށްދިޔަ މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރިކުޅުމެއް ފެނިގެންދިޔަނަމަވެސް ސިފައިންގެ ކުލަބަށް ސެޓެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

މުބާރާތުގެ އެންމެ ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ އެއް ޓީމުކަމުގައިވާ ޒައިކުން މި މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-17، 25-22 އަދި 25-15 އިންނެވެ.

ޒައިކް ވަނީ މި މުބާރާތުގައި ފުރަތަމަ ކުޅުނު ސްރީ ލަންކާގެ ޕޯޓްސް އޮތޯރިޓީ އަތުން ފަހަތުން އަރައި 3-1 ސެޓުން މޮޅުވެފައެވެ. އެހެންނަމަވެސް ދިވެހި ސިފައިންގެ ކުލަބުން ކުޅުނު އެއްވެސް މެޗަކުން އަދި މޮޅުވެފައެއް ނުވެއެވެ. މިއަދު ހަވީރު ޒައިކުން ނިކުންނާނީ ރާއްޖޭގެ ކުލަބު އެޗްޑީސީ އާއި ދެކޮޅަށެވެ. ދިވެހި ސިފައިންގެ ކުލަބުން މިރޭ ސްރީލަންކާގެ ޕޯޓްސް އޮތޯރިޓީ އާއި ދެކޮޅަށެވެ.