އަންނަ އޮގަސްޓް މަހު ފުވައްމުލައް ސިޓީގައި ބާއްވަން އުޅުނު ބޮޑީބޯޑިން މުބާރާތް މާލެގައި ބާއްވާގޮތަށް ބަދަލުކޮށް، އެކަން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިއުލާންކޮށްފިއެވެ.
އެމްބީބީއޭއިން މިއަދު ބުނީ އެ މުބާރާތް މާލެއަށް ބަދަލުކޮށްފައިވާކަމަށާއި އެ މުބާރާތް ކުރިޔަށްދާނީ އޮގަސްޓް 5-8 އަށް ވަރުނުލާ ރާޅުގަނޑުގައި ކަމަށެވެ. މި މުބާރާތް ކުރިޔަށް ގެންދަން ހަމަޖައްސާފައިވަނީ ލަބެރާ ބޮޑީ ބޯޑިން ޗެލެންޖުގެ ނަމުގައެވެ. މިއީ ލަބެރާގެ ބޮޑީ ބޯޑިންގ ޗެލެންޖް ބާއްވާ ހަތަރުވަނަ ފަހަރެވެ.
އެމްބީބީއޭއިން ބުނީ މި މުބާރާތާއި ގުޅޭ މައުލޫމާތު އެތުލީޓުންނާއި ހިއްސާކުރުމަށް 4 އޮގަސްޓްގައި ބައްދަލުވުމެއް ބާއްވާނެ ކަމަަށެވެ. ފުވައްމުލަކުގެ ބަދަލުގައި މާލެއަށް މުބާރާތް ބަދަލުކުރި ސީދާ ސަބަބެއް އެމްބީބީއޭއިން ހާމަކޮށްފައެއް ނުވެއެވެ.
ލަބެރާ ބޮޑީ ބޯޑިން ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު މިހަރު ވަނީ ހުޅުވާލާފައެވެ. އެގޮތުން މިއަދުން ފެށިގެން 26 ޖުލައިގެ ނިޔަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަަށް އެމްބީބީއޭއިން ބުނެއެވެ.
ގައުމީ ބޮޑީ ބޯޑިންގ ލީގުގައި ހިމެނޭ ފުރަތަމަ މުބާރާތް ބާއްވާފައިވަނީ މިދިޔަ މަހުއެވެ.