ޚަބަރު

ދިވެހިރާއްޖެއަށް ކޮމަންވެލްތުން ދެއްވާ އެހީތެރިކަން އެގޮތުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވައިފި


  • މި ބައްދަލުކުރެއްވުން ބޭއްވެވީ ރައީސް އިނގިރޭސިވިލާތަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން

ދިވެހިރާއްޖެއަށް ކޮމަންވެލްތުން ދެއްވާ އެހީތެރިކަން އެގޮތުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭ ދެއްވައިފިއެވެ. ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް މިޔަޤީންކަން ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި، މުހިންމު ދާއިރާތަކުން ދިވެހިރާއްޖެއަށް ކޮމަންވެލްތުން ދެއްވާ އެހީތެރިކަން ވެދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ސެކްރެޓަރީ ޖެނެރަލް ވަނީ ތަކުރާރުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ބައިނަލްއަޤްވާމީ މަސްރަޙުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި އިސްކަންދޭ ކަންކަމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ އިސް ދައުރު ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދިއުމުގެ ޤައުމީ ތަޞައްވުރު ކުރިއަށް ގެންދިއުމުގައި، ކޮމަންވެލްތުން ދެއްވާ އެއްބާރުލުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާއާއި ސެކްރެޓަރީ ޖެނެރަލް ވަނީ ދެފަރާތުގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެތެރޭގައި ޑިމޮކްރަސީއާއި ހެޔޮ ވެރިކަން، ވިޔަފާރިއާއި ވުނަކުރުން، އަދި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދެމެހެއްޓެނިވި ތަރައްޤީއާއި ގުޅުންހުރި ދާއިރާތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމަކީ، ދިވެހިރާއްޖެއާއި ކޮމަންވެލްތާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.