ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި ރާއްޖޭގެ ކުލަބު އެޗްޑީސީއާ ދެކޮޅަށް ކުޅުނު މެޗުން ކިރްގިސްތާން ބިޝްކެކް މޮޅުވެއްޖެއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗު ބިޝްކެކުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ކިރްގިސްތާންގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންގެ މައްޗަށް ހިމެނޭ ބިޝްކެކާ ދެކޮޅަށް ރާއްޖޭ އެޗްޑީސީން ރަނގަޅު ވާދައެއްކުރިއިރު، މެޗު ސެޓުތަކުގައި ބިޝްކެކާ ވަނީ ވަރަށް ގާތުން ވާދަކޮށްފައެވެ. އެގޮތުން މެޗުގެ ސެޓުތައް ބިޝްކެކުން ކާމިޔާބުކުރީ 27-25، 26-24 އަދި 25-20 އިންނެވެ.
މި މުބާރާތުގައި ރާއްޖޭގެ ދެ ކުލަބު ކަމަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު އެޗްޑީސީގެ އިތުރުން ހަތަރު ޓީމެއް ވާދަކުރެއެވެ. އެއީ ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި، ލަންކާގެ ޕޯޓްސް އޮތޯރިޓީ އާއި، ކިރިގިސްތާނުގެ ބިޝްކެކުގެ އިތުރުން ކަޒަކިސްތާނުގެ ޒައިކްއެވެ.
މިމަހުގެ 17 އިން 23 އަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ ކުލަބު ޗެމްޕިންޝިޕުގެ ދެވަނަ ސީރީޒްއެވެ. މިދިޔަ އަހަރު މިމުބާރާތް ނޭޕާލުގައި ކުރިއަށް ގެންގޮސްފައިވާއިރު، ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ނަމުގައި މިމުބާރާތް ބާއްވާ މިއީ ފުރަތަމަ އަހަރެވެ.