މިހާރު ކުރިއަށްދާ އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް އިޓަލީން ހޯދައިފިއެވެ. އިޓަލީން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ނޯވޭ އާއި ދެކޮޅަށް ކުއާޓަރ ފައިނަލުގައި ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރުމަށްފަހުގައެވެ.
1997 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ސެމީ ފައިނަލުގެ ޖާގައެއް އިޓަލީ އިން ހޯދި މި މެޗުގައި އެ ޓީމުން ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން ކްރިސްޓިއާނާ ގިރޭލީ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ކްރިސްޓިއާނާ ގިރޭލީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އިޓަލީ އިން ލަނޑު ޖަހާ ކުރި ހޯދިތާ ދިހަވަނަ މިނިޓުގައި ނޯވޭ އަށް ލިބުނު ޕެނަލްޓީ އަކުން މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެ ޓީމަށް ލިބުނު ޕެނަލްޓީ އާޑާ ހެގަރބަރގް އަތުން ވަނީ ނާކާމިޔާބުވެފަ އެވެ.
ނަމަވެސް އޭގެ 6 މިނިޓު ފަހުން އާޑާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ނޯވޭ އަށް އެއްވަރުކޮށްދީފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ދެ ޓީމު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާތީ އިތުރު ވަގުތުގެ ކުޅުމަށް ގޮސްދާނެކަމަށް ބެލެވުނު ނަމަވެސް މެޗުގެ 9 ވަނަ މިނިޓުގައި ކްރިސްޓިއާނާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުން އިޓަލީ މޮޅުކޮށްދީފަ އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި އިޓަލީ އާއި ދެކޮޅަށް ކުޅޭނެ ޓީމެއް އެނގިގެން ދާނީ މިރޭ އެންމެ ފަހުގެ ޗެމްޕިއަން އިންގްލޭންޑް އާއި ސްވިޑަން ބައްދަލުކުރާ މެޗަށްފަހުގަ އެވެ.