ކުޅިވަރު

ބާސެލޯނާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޕެޑްރީ އަށް


ހުސްވި ސީޒަނުގެ ބާސެލޯނާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިޑްފީލްޑަރު ޕެޑްރީ އަށް ދީފި އެވެ.

މި މަގާމު ހޮވަނީ ކުޅުންތެރިން ދަނޑުމަތީގައި ދައްކާ ކުޅުމާއި ކުލަބަށް ވަފާތެރި ހިދުމަތްތަކެއް ކޮށްދިނުމާއި ދަނޑު ބޭރުގެ ހަރަކާތްތަކަށް ވެސް ބެލުމަށްފަހު އެވެ.

ބާސެލޯނާގެ ޕްލޭޔާސް އެސޯސިއޭޝަނުން އިސްވެ ހޮވާ މަގާމަށް ޕެޑްރީ ހޮވުނުއިރު އޭނާ ވަނީ ކުލަބުގެ އަގު ހިފެހެއްޓުމުގެ ގޮތުން ހުސްވި ސީޒަނުގައި ދަނޑު ބޭރުގެ ހަރަކާތްތަކާއި އަމިއްލަ ޒާތީ ދިރިއުޅުމުގައި ވެސް ނަމޫނާ ދައްކާފައި ކަމަށް އެ ކުލަބުން ބުނެ އެވެ.

ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އަދި ސުޕްކޮޕާ ކާމިޔާބުކޮށް ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ކުޅުނު ބާސެލޯނާގައި ހުސްވި ސީޒަނުގައި ޕެޑްރީ ވަނީ 59 މެޗު ކުޅެފަ އެވެ. އަދި ހަ ގޯލު ޖަހައި 9 ގޯލެއް ޖަހަން އެހީތެރިވެދީފަ އެވެ.

"އުމުރުން 22 އަހަރުގައި ޕެޑްރީ އެ ވަނީ އޭނާ ބެންޗް މާކެއް ކްރިއޭޓްކޮށްފައި. އޭނާ އަކީ މިހާރު ވަރުގަދަ ޝަހުސިއްޔަތަށް ވެއްޖެ. ބާސެލޯނާގެ މެދުތެރޭގައި އޭނާ ދައްކާ މޮޅު ކުޅުމަށް އޮތީ ތައުރީފް ކުރުން. އޭނާ އަކީ ވަރަށް ވިސްނުން ތޫނު ގޭމް ބަދަލުކޮށްލަން އެނގޭ ހުށިހާރު މީހެއް،" ބާސެލޯނާއިން ބުނެފައިވެ އެވެ.

ބާސެލޯނާގެ އަންހެން ކުޅުންތެރިންގެ ތެރެއިން ހުސްވި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އުމުރުން 22 އަހަރިގެ ފޯވަޑް ކްލައުޑިއާ ޕިނާ އެވެ. އޭނާ އަށް ވުރެ ކުރިން އޭގެ ކުރީ ހަތަރު ފަހަރު މި މަގާމު ލިބުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހުސްވި ދެ އަހަރު ހޯދި މިޑްފީލްޑަރު އައިޓާނާ ބޮންމަޓީ އަށެވެ.

ހުސްވި ސީޒަނުގެ ސްޕެނިޝް ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާގެ ބްރެޒިލް މިޑްފީލްޑަރު ރަފީނިއާ އެވެ. 2022 ވަނަ އަހަރު ބާސެލޯނާއާ ގުޅުނު ކުޅުންތެރިޔާ ވަނީ ތިން ތަށި ހޯދި ޓީމުގައި މޮޅަށް ކުޅެ 57 މެޗުން 34 ގޯލު ޖަހައިފަ އެވެ. އުމުރުން މިހާރު 28 އަހަރުގެ ކުޅުންތެރިޔާ ވަނީ 2028އާ ހަމަ އަށް ކުލަބުގައި މަޑުކުރަން މި އަހަރުގެ މެދުތެރޭގައި ސޮއިކޮށްފަ އެވެ.