ޚަބަރު

ވިޒިޓް މޯލްޑިވްސްއަށް ކްރިއޭޓިވް ކޮންޓެންޓާއި ވީޑިއޯ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ


  • 30 ޖުލައިގައި އަންދާސީ ހިސާބު ހުށައެޅޭނެ

  • ވިޒިޓް މޯލްޑިވްސްއިން ދަނީ މުޅި ދުނިޔޭގައި ރާއްޖެ އިޝްތިހާރުކުރަމުން

ރާއްޖެ އިޝްތިހާރުކުރުމަށް ކްރިއޭޓިވް ކޮންޓެންޓް އަދި ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ. ވިޒިޓް މޯލްޑިވްސްއިން އިއުލާންކޮށްފައިވަނީ 1 އަހަރު ދުވަހުގެ މުއްދަތަކަށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.

ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތައް ވީޑިއޯ ތައްޔާރު ކޮށްދޭނެ ވީޑިއޯ ޕްރޮޑަކްޝަން ފާރމެއް އަދި ކްރިއޭޓިވް ކޮންޓެންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

މި މަސައްކަތްކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 30 ޖުލައިގައި އަންދާސީ ހިސާބު ހުށައަޅަންޖެހެއެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަމަށް އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ. މައުލޫމާތު ސާފުކުރުން އޮންނާނީ 22 ޖުލައި ވަނަ ދުވަހުއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއަކީ މުޅި ދުނިޔޭގައި ރާއްޖެ އިޝްތިހާރުކުރުމުގެ ބޮޑު ޒިންމާ އަދާކުރާ ކުންފުންޏެވެ. މުޅި ދުނިޔޭގައި ރާއްޖެ އިޝްތިހާރުކުރުމަށް އެ ކޯޕަރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޑެސްޓިނޭޝަން މާކެޓިންގައި 21 އަށް ވުރެ ގިނަ އެކްޓިވް ގްލޯބަލް ކެމްޕޭން މިދިޔަ އަހަރުވެސް ވިޒިޓް މޯލްޑިވްސްއިން ވަނީ ކުރިއަށްގެންގޮސްފައެވެ.