އޭޝިއަން ޔޫތު ގޭމްސް 2025 އަށް ކުޅުންތެރިން ހޮވުމަށް ބާއްވާ ސިލެކްޝަންގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން އިއްޔެ މި ފުރުސަތު ހުޅުވާލާފައިވާއިރު މި ސިލެކްޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއަދު މެންދުރު 13:00 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހެއެވެ.
އޭޝިއަން ޔޫތް ގޭމްސް މިއަހަރު އޮންނާނީ އޮކްޓޯބަރު 26-30 އަށް ބަޙްރެއިންގައެވެ. މި މުބާރާތުގައި ރާއްޖޭން ބައިވެރިވާ ޓީމަށް ހޮވާނީ 3 އަންހެން ކުޅުންތެރިންނާއި 3 ފިރިހެން ކުޅުންތެރިންނެވެ.
އޭޝިއަން ޔޫތް ގޭމްސްގައި ވާދަކުރުމަށް ނަން ނޯޓު ކުރެވޭނީ މިދިޔަ ޖޫންމަހު ބޭއްވި ނޭޝަނަލް ރޭންކިންގައި ވާދަކޮށްފައިވާ ކުޅުންތެރިންގެ ތެރެއިން 2009، 2010 އަދި 2011 ގައި އުފަންވެފައިވާ ކުޅުންތެރިންގެ ތެރެއިން 14-16 އަހަރާއި ދެމެދުގެ ކުޅުންތެރިންނަށް ކަމަށް ޓީޓީއޭއެމް އިން ބުނެއެވެ.
ނޭޝަނަލް ރޭންކިންގައި ބައިވެރިވެފައިވާ ކުޅުންތެރިންގެ މެދުގައި ބާއްވާ ސިލެކްޝަނުގައި ކޮންމެ ކެޓަގަރީއަކުންވެސް 5 ނުވަތަ 6 ކުޅުންތެރިންނަށްވުރެ ގިނައިން ބައިވެރިވެފައިވާނަމަ ޖޫން މަހު ބޭއްވި ނޭޝަނަލް ރޭންކިން ކެޑޭޓް އާއ ޖޫނިއާ އަދި ސީނިއާ ކެޓެގަރީގެ ތެރެއިން މެއިން ރައުންޑްގައި ވާދަކޮށްފައިވާ ކުޅުންތެރިންނަށް އިސްކަންދޭނެ ކަމަށް ޓީޓީއޭއެމްއިން ބުނެއެވެ.