ޚަބަރު

ރަނގަޅު އިންތިޒާމުތަކަކާއެކު އަންނަ ހަފްތާގައި ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ފަށާނެ: ވަޒީރު ޑރ.މުއްޠަލިބް


  • ސަރުކާރުން ރިވިއުކުރަނީ 2023ގެ ނޮވެމްބަރު 15ގަ ނެރުނު ލިސްޓު

  • މުއްޠަލިބް ވިދާޅުވީ ފޯމުތަކުގެ މަޢުލޫމާތުގެ ސައްޙަކަން ދެނެގަތުމަށް ގިނަ ވަގުތު ނަގާކަމަށް

ރަނގަޅު އިންތިޒާމުތަކަކާއެކު އަންނަ ހަފްތާގެތެރޭގައި ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ "އަހާ" ފޯރަމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ގެދޮރުވެރިކަމާ ބެހޭ ވަޒީރު މީގެކުރިން ވިދާޅުވީ ޖުލައި މަހުގެ ފުރަތަމަ ހަފްތާގެތެރޭގައި ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ. ނަމަވެސް އެ މަސައްކަތް ލަސްވާތީ އާއްމުން ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން އަހާ ފޯރަމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ފްލެޓްތަކާ ގުޅިގެން ހުށައެޅި މައްސަލަތަކާ ޝަކުވާތައް ބަލާ، މައްސަލައެއް ނެތި ފްލެޓް ލިބޭކަން ކަށަވަރުވާ މީހުންގެ ލިސްޓް އެކުލަވާލަމުންދާކަމަށެވެ. ވަޒީރު ވިދާޅުވީ، މި މަސައްކަތަށް ދިގު މުއްދަތެއް ހޭދަވަމުންދަނީ، ހުށައަޅާފަވާ މަޢުލޫމާތުގެ ސައްޙަކަން ދެނެގަތުމަށް ގިނަ ދުވަސް ބޭނުންވާތީކަމަށެވެ. މި މަޢުލޫމާތުތަކަކީ ސަރުކާރުގެ ކަމާގުޅޭ އެކި މުއައްސަސާތައް މެދުވެރިކޮށް ކަށަވަރުކުރާ މަޢުލޫމާތަށްވާތީ، އެކަމަށް ވަރަށް ގިނަ ވަގުތު ހޭދަވާކަމަށެވެ.

ވަޒީރު ވިދާޅުވީ ސޮއިކުރުން ކުރިއަށްގެންދިއުމުގެ އިންތިޒާމުތަކަކީވެސް އެވުޒާރާގެ އޮފީހުގައި ކުރިއަށްގެންދަން ފަސޭހަ މަސައްކަތަކަށް ނުވާތީ، ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށްވެސް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭކަމަށެވެ. މި ހުރިހާ މަސައްކަތްތައް އެކުއެކީގައި ކުރިއަށްދާކަމަށާއި، ސަރުކާރުން ވަޢުދުވެފަވާގޮތަށް މިމަހުގެ ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ހުރިހާ މަސައްކަތްތަކާއެކު އަންނަ ހަފްތާފައި އެގްރިމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ފެށޭނެ. އެކަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެބަ ކުރިއަށްގެންދޭ. ކުރިންވެސް ބުނިގޮތަށް އެގްރިމަންޓްގައި ސޮއިކޮށް، ފްލެޓް ހަވާލުކުރުމުގެ މަސައްކަތް މިމަހު ކުރިއަށްދާނެ." ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

4000 ހައުސިން ޔުނިޓްގެ "ގެދޮރުވެރިޔާ" މަޝްރޫޢުގައި ފްލެޓް ދީފައިވާގޮތާގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުގެ ސަބަބުން، މި ސަރުކާރުން އެކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާ މި މަސައްކަތް ކުރިއަށްގެންދިޔަގޮތް ވަނީ ބަލާފައެވެ. ކޮމިޓީއިން ނެރުނު ލިސްޓުގައި ގިނަ ބަޔަކު ޝަރުތު ހަމަނުވާކަމަށް ފެންނާތީ، އެ ފަރާތްތަކަށް ޖަވާބުދާރީވެ ޝަކުވާ ހުށައެޅުމަށް ވަނީ ފުރުޞަތު ދީފައެވެ. ސަރުކާރުން މިހާރު ރިވިއުކުރަމުންދަނީ، އެ ލިސްޓަށް ލިބިނު ޝަކުވާތަކެވެ.

މި ސަރުކާރުން ފްލެޓާ ގުޅޭ އައު ލިސްޓެއް އެކުލަވާލާފައެއް ނުވެއެވެ. ސަރުކާރުން ބަލަމުންދަނީ، 2023ވަނަ އަހަރު ނޮވެމްބަރު މަހު 15 ވަނަ ދުވަހު، ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ހިމެނޭ ފަރާތްތަކަކީ ޝަރުތު ހަމަވާ ފަރާތްތަކެއްތޯއެވެ.