ޚަބަރު

އައްޑޫ ސިޓީގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒުގެ ހިންގުން ވެމްކޯއަށް


  • އައްޑޫ ޒޯނުގައި ހިމެނޭ ރަށްތަކުން އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލްތައް ވަގުތީގޮތުން ރައްކާކުރެވޭނެ

  • މަރުކަޒު ހިންގުމުގެ އުޞޫލުތައް ހިމެނޭ (އެސްއޯޕީ) އެއްވެސް ވަނީ އެކުލަވާލެވިފައި

އައްޑޫ ސިޓީގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ޙަވާލުކޮށްފިއެވެ.

މި ފެސިލިޓީގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ޒޯނުގައި ހިމެނޭ ރަށްތަކުން އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލްތައް ވަގުތީގޮތުން ރައްކާކުރުމަށްޓަކައި، ކުނި މެނޭޖުކުރުމާއި ގުޅޭ ޤަވާޢިދުތަކާއި އެއްގޮތައް، އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ޙައްލު ފޯރުކޮށްދިނުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވިދާޅުވީ ތިމާވެއްޓާ ބެހޭ ވުޒާރާއެކު ކުރެވޭ މަސައްކަތްތަކުން ވަރަށް މުހިންމު ކަންތައްތަކެއް ހާސިލްވެގެން ދާކަމަށެވެ. އެގޮތުން މި ޤާއިމުކުރެވިގެން ދިޔަ މަރުކަޒުގެ ސަބަބުން ނުރައްކާތެރި ކުންޏާއި ކެމިކަލް އާންމުންނަށް އުނދަގޫނުވާނެ ފަދަ ގޮތަކަށް ރައްކާކުރެވިގެން ދާނެކަމަށެވެ.

"މި ލިބޭ ކުރިއެރުންތަކުގެ ސަބަބުން ރައްޔިތުންނަށް އަދި އެންވަޔަރަމެންޓަށް މި އަންނަ ގޮންޖެހުންތައްވެސް ހައްލުކުރެވިގެންދާނެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުންވާ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ވޭސްޓު މެނޭޖްކުރުމުގައި މި އަހަރު ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދިފައި" މުޖްތަބާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމް ވިދާޅުވީ ސޮއިކުރެވިގެން މިދިޔަ އެއްބަސްވުމުގެ ދަށުން، އައްޑޫ އިންޓަރިމް ހަޒާޑަސް ވޭސްޓް އެންޑް ކެމިކަލްސް ސްޓޯރޭޖް ފެސިލިޓީ ހިންގުމުގައި ހަރަކާތްތެރިވާނެ ވެމްކޯގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށެވެ. މިއީ މި މަރުކަޒުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރުމަށް ނިންމާފައިވާ މަސައްކަތެއްކަން ފާހަގަކުރައްވާ ނިޒާމް ވިދާޅުވީ އެ ވުޒާރާއިން ވަނީ އެ މަރުކަޒު ހިންގުމަށް ބޭނުންވާ ބައެއް ސާމާނު ވެސް ފޯރުކޮށްދީފައިކަމަށެވެ.

"ރާއްޖޭގައި ހާއްސަކޮށް މި ދައުރުގެ ތެރޭގައި ވަށާޖެހޭ އަދި ރާއްކާތެރި ކުނި މެނޭޖްކުރުމުގެ ފުރިހަމަ ސިސްޓަމެއް ޤާއިމްކުރުމުގެ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިރުޝަދުގެ ދަށުން ކަންކަން އެޗީވްވަމުން މިދަނީ" ނިޒާމް ވިދާޅުވިއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ފެސިލިޓީގެ ސަބަބުން ޙާޞިލުވާނެ ނަތީޖާތަކުގެތެރޭގައި ނުރައްކާތެރި ކުނިން ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމާއި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމާއި ޤައުމީ ކުނި މެނޭޖްކުރުމުގެ އިސްތިރާޖީތަކާއި އެއްގޮތަށް ޢަމަލުކުރުމުގެ އިތުރުން ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ބޭސަލް އަދި ސްޓޮކްހޯމް މުޢާހަދާތަކުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ނުރައްކާތެރި ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ޤާއިމުކުރުމަށް މަގުފަހިކޮށްދިނުން ހިމެނޭކަމަށެވެ.

މި މަރުކަޒަކީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން، ޖެފްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫޢުގެ ދަށުން ޤާއިމުކުރެވިފައިވާ ވަސީލަތެކެވެ.

މި މަރުކަޒު ޤާއިމުކުރެވިފައިވަނީ އައްޑޫ ސިޓީ ހިމެނޭ ދެކުނު ޒޯނުގެ ރަށްތަކުގައި އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލްތައް ވަގުތީގޮތުން ރައްކާތެރިކަމާއެކު ގުދަންކުރުމަށް ޚާއްޞަކޮށެވެ. މީގެތެރޭގައި ޞިނާޢީ ހަރަކާތްތަކުން އުފެދޭ ކުނި، ސްކޫލްތަކުގެ ލެބޯރެޓަރީތަކުން އުކާލެވޭ ކެމިކަލްތައް، އިންޖީނުތަކުން އުފެދޭ ތެޔޮ އަދި އުކާލާ ބެޓެރީތައް ފަދަ ތިމާވެށްޓަށް ގެއްލުންދެނިވި ނުރައްކާތެރި ބާވަތްތަކުގެ ކުނި ހިމެނެއެވެ.

ދިވެހިރާއްޖޭގައި އުފެދޭ ނުރައްކާތެރި ކުނީގެ މިންވަރު މަދުކަމުން، ރާއްޖޭގައި ނުރައްކާތެރި ކުނި ނައްތާލުމުގެ މަރުކަޒެއް ޤާއިމުކުރުމަކީ ޓެކްނިކަލީ އަދި އިޤްތިޞާދީގޮތުން ވެސް ދެކޮޅުޖެހޭނެ ކަމެއް ނޫނެވެ. އެހެންކަމުން، މި މަރުކަޒު ފަރުމާކުރެވިފައިވަނީ ވަގުތީކޮށް ކުނި ރައްކާކުރާ މަރުކަޒެއްގެ ގޮތުގޮތުގައެވެ. މިގޮތުން، ނުރައްކާތެރި ކުނި ރައްކާތެރިކަމާއެކު އެއްކޮށް، ވަކިކޮށް، ވަގުތީގޮތުން އައް ޑޫގައި ޤާއިމުކުރެވުނު މި މަރުކަޒުގައި ރައްކާކުރެވޭނެއެވެ. މިގޮތަށް ރައްކާކުރެވޭ ކުނި ބޭސަލް ކޮންވެންޝަން ފަދަ ބައިނަލްއަޤްވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ރިސައިކަލްކުރުމަށް ނުވަތަ ނައްތާލުމަށް ރާއްޖެއިން ބޭރަށް ގެންދެވޭނެއެވެ.

މި މަރުކަޒު ހިންގުމަށާއި މިފަދަ ކުނި ރައްކާތެރިކަމާއެކު ގެންގުޅުމަށްޓަކައި، މަރުކަޒު ހިންގުމުގެ އުޞޫލުތައް ހިމެނޭ ސްޓޭންޑަރޑަޑް އޮޕަރޭޝަންސް ޕްރޮސީޖަރ (އެސްއޯޕީ) އެއް ވެސް އެކުލަވާލެވިފައިވެއެވެ. މި އުޞޫލުތަކުގައި އެކި ބާވަތުގެ ކުނި ގެންގުޅުމުގެ ގޮތްތަކާއި، ޕެކޭޖްކުރާނެ ގޮތްތަކާއި، ރައްކާތެރިކަމާއެކު އުފުލުމުގެ މިންގަނޑުތައް ހިމެނެއެވެ.

މި އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޖުތަބާ ޖަލީލެވެ.