ޚަބަރު

ވައިގެމަގުން ގަހާއި ޖަނަވާރު އެތެރެކުރުމުގެ ކަންކަން ހަރުދަނާކުރަން އެއްބަސްވުމެއް


  • އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ޚިދުމަތްދޭނެ

  • ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް

ވައިގެ މަގުން ގަހާއި ޖަނަވާރު އެތެރެކުރުމުގެ ކަންތައް ހަރުދަނާކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީއާދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އެއާޕޯޓުގައި ހިދުމަތް ދޭ ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ކަންކަން ހަރުދަނާކުރުމުގެ އެކުލަވާލާ އެއްބސްވުންތަކުގެ ތެރެއިން ވެވުނު ފުރަތަމަ އެއްބަސްވުމެވެ.

އެމްއޭސީއެލުން ވިދާޅުވީ މިކަމަކީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް އެ ކުންފުނީގެ ހިދުމަތްތައް ބައްޓަންކޮށް އޮޕަރޭޝަނަލް އެފިޝިއަންސީ ހަރުދަނާ ކުރުމުގެ މަސައްކަތުގައި ހިމެނޭ ކަމެއްކަމަށެވެ. ޚާއްސަކޮށް ވީއައިއޭގެ އާ ޓާމިނަލްއާއެކު އެމްއޭސީއެލްގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއެކު ވެފައިވާ އެއްބސްވުމުގެ ދަށުން ގަސްގަހާގެއްސާއި އެކި ޖަނަވާރުތައް ވައިގެ މަގުން އެތެރެކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވާނެކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ.

މި އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިޝްހާގު އާދަމެވެ.