ޚަބަރު

ވަގަށް އެތެރެކުރަން އުޅުނު 2 މިލިޔަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި


  • މިތަކެތީގެ ޑިއުޓީގެ ގޮތުގައި 18.7 މިލިޔަން ރުފިޔާ އަރާނެ

  • މައްސަލަ ދަނީ ތަޙުޤީގުކުރަމުން

ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 2 މިލިޔަނަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ވިދާޅުވީ މި ތަކެތި އަތުލައިގަނެފައިވަނީ، ރާއްޖެއަށް ކަނޑުމަގުން ގެނައި ޝިޕްމެންޓެއްގައި ފޮރުވައިގެން ސިނގިރޭޓް އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިމަހުގެ 14 އަދި 15 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައިކަމަށެވެ.

ކަސްޓަމްސްއިން ވިދާޅުވީ މި އޮޕަރޭޝަނުގައި 2,304,200 (ދެ މިލިޔަން، ތިންސަތޭކަ ހަތަރު ހާސް، ދުއިސައްތަ) ސިނގިރޭޓު އަތުލައިގެންފައިވާކަމަށެވެ. އަދި މިތަކެތީގެ ޑިއުޓީގެ ގޮތުގައި 18.7 މިލިޔަން ރުފިޔާ އަރާނެކަމަށާއި، ޖޫރިމަނާގެ ގޮތުގައި 2 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް އަރާނެކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ކަސްޓަމްސްއިން ވިދާޅުވީ މިއީ، ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނުތަކެތިކަމަށް ބެލެވޭތީ، މި މައްސަލަ އިތުރަށް ތަޙްޤީގުކުރަމުންދާކަމަށެވެ.