ޚަބަރު

ކުލަބުތަކުން އެއް ރޫހެއްގައި މަސައްކަތްކުރި، މިހާރު އޮތީ ރަނގަޅު ޓީމެއް: ޠަލާލް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީ އާއި މެންބަރު ކުލަބުތަކުން ފުޓްބޯޅަ ރަނގަޅުކުރުމުގެ ނިޔަތުގައި، އެއް ރޫހެއްގައި މަސައްކަތްކުރިތަން ފެނިގެންދިޔަ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރިމަގާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޠަލާލް ވިދާޅުވީ ކޮންމެސް ވަރެއްގެ ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް އެންމެ ފަހުވަގުތު ފުޓްބޯޅަ ރަނގަޅުކުރުމަށްޓަކައި ފުޓްބޯޅައިން ކުރިޔަށް ދިއުމަށް ބޭނުންވާތީ އެކަމަށް ހުރިހާ އެންމެން އެއްބަސް ކިޔައިގެން އެއް ރޫހެއްގައި މަސައްކަތް ކުރިކަމަށެވެ.

“މިއަދު އަޅުގަނޑަށް ހީވަނީ މިއޮތީ ހަމަ ވަރަށް ރަނގަޅު ޕްލެޓްފޯމަކަށް ފުޓްބޯޅަ ކޮމިއުނިޓީއަށް އާދެވިފައޭ. އެހެންވީމަ އަޅުގަނޑު ހަމަ ގަބޫލުކުރަނީ ކުރިޔަށް އޮތްތަނުގައި މުސްތަގްބަލުގައި ފުޓްބޯޅައިގެ ވަރަށް އުޖާލާ މުސްތަގުބަލެއް ފެނިގެންދާނެ ކަމަށް” ޠަލާލް ވިދާޅުވިއެވެ .

އެފްއޭއެމްގެ އިންތިހާބުގައި މިހާރު ވާދަކުރަނީ އެއް ޓީމަކުން ކަމަށާއި އެޓީމުން މަސައްކަތް ފަށައިގަނެ ފުޓްބޯޅަ ހަމަމަގަށް އެޅުވި މުޅި ރާއްޖެއަށް ފުޓްބޯޅަ ފުޅާވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ޠަލާލް ވިދާޅުވިއެވެ.

ފުޓްބޯޅައިގައިވެސް މުޅި ރާއްޖެ ތަމްސީލުވާ ގޮތަށް ކަންކަންބައްޓަންވެގެންދިއުން އެއީ އަޅުގަނޑު އުންމީދު ކުރާގޮތް އަދި ހަމަ އުޖާލާ މުސްތަގްބަލެއް ފުޓްބޯޅައިން ދެކެން ބޭނުންވާކަމަށް ޠަލާލް ވިދާޅުވިއެވެ

އެފްއޭއެމްގެ އިންތިހާބުގައި އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިޤް (ޓޮމް) އެކަންޏެވެ.

މިމަހުގެ 26 ގައި އިންތިހާބު ބާއްވާއިރު އޭނާ ހުށަހަޅުއްވާފައިވާ ހިންގާ ކޮމިޓީއަށްވެސް މިހާރުވަނީ ހުރިހާ ކުލަބެއްގެ ތާއީދު ލިބިފައެވެ. މީގެ ކުރިން ކުޑަ ދުވަސްކޮޅު އެފްއޭއެމްގެ ރައީސްގެ މަގާމު ފުރުއްވި ޠާރިޤް މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވަނީ އެފްއޭއެމްގެ ހުރިހާ މެންބަރު ކުލަބެއްގެ ތާއީދާއެކުގައެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސް ވިދާޅުވީ އެފްއޭއެމްގެ ކުރިމަގަށް ވިސްނާއިރު މިހާރު އޮތީ ވަރަށް ރަނގަޅު ޓީމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.