މިނިވަން 60އަށް ޕީއެސްއެމް ނިއުސްއިން ތައްޔާރުކުރާ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމަންޓްރީއާއަކީ، ދިވެހިންގެ ތާރީޚު ރައްކާތެރިކުރުމަށް ކުރެވޭ ވަރަށް މުހިންމު ޢިލްމީ މަސައްކަތެއްކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ޢާދަމް ނަސީރު އިބްރާޙިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިނިވަން ދިވެހިރާއްޖެ ޑޮކިއުމަންޓްރީ އިފްތިތާހުކުރުމުގެ ޙަފްލާއަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ވަޒީރު ޢާދަމް ނަސީރު ވިދާޅުވީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަށް ޚާއްސަ ވުޒާރާއެއް އުފެއްދަވާ ހަވާލުކުރެއްވި އެންމެ މުހިންމު މަސައްކަތަކީ، ދިވެހިންގެ ތާރީޚާއި ތަރިކައާއި ދިވެހިންގެ އާދަކާދަ އެއްޖީލުން އަނެއް ޖީލަށް ގެންގޮސްދިނުންކަމަށެވެ.
ޕީއެސްއެމް ނިއުސްއިން އުފައްދާ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމަންޓްރީއަކީ ދިވެހިރާއްޖެއިން މިނިވަންކަން ހޯދުމަށް ކުރި ދަތުރުގައި، މީގެކުރިން ނުފެންނަ އެތަށް މަންޒަރުތަކާ ވާހަކަތައް ހިމަނައިގެން ހަދާ ޑޮކިއުމަންޓްރީއެކެވެ. ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ މި މަސައްކަތަކީ ތާރީޚު އިއާދަކޮށް ކިޔައިދިނުމުގައި ސަރުކާރުން ކުރައްވާ މަސައްކަތަށް ބާރުލިބޭ ވަރަށް އަގުހުރި މުހިންމު މަސައްކަތެއްކަމަށެވެ.
މި މަސައްކަތަކީ ވަރަށް ޒުވާން ޓީމަކުން ކުރަމުންދާ މަސައްކަތަކަށްވާތީ، އެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މި ޑޮކިއުމަންޓްރީގެ އިންޓަވިއުތަކާ މަންޒަރުތަކުން، ރާއްޖޭގެ މިނިވަންކަން ހޯދުމަށް ކޮޅުބުގައި ހިނގި މުހިންމު އެތަށް ކަމެއްގެ ވާހަކަތައް ކިޔައިދޭނެއެވެ. މީގެތެރޭގައި މީގެކުރިން އިވިފައި ނުވާ އަދި އެހާ އާއްމުވެފައިނުވާ ވަރަށް ޝައުގުވެރި ވާހަކަތައް ހިމެނެއެވެ.
"ޢިލްމީގޮތެއްގައި ތާރީޚު ދިރާސާކުރުމަށް ކުރެވުނު ވަރަށް މުހިންމު މަސައްކަތެއް މިއީ. މަޢުލޫމާތު އެއްކުރުމަށް ތާރީޚުގެތެރެއަށް ފުންކޮށް ފީނާފަވަނީ. ޒުވާން ޖީލުގެ ހިތްތަކަށް މި ވާހަކަތައް ފޯރުކޮށްދިނުމަށް، އެމީހުންނަށް ޤަބޫލުކުރެވޭ މިންގަނޑުން ކުރެވިފަވާ މަސައްކަތެއް މިއީ." ދިވެހި ބަހާ ސަޤާފަތާ ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާޙިމް ވިދާޅުވިއެވެ.
ދިވެހި ޖީލު ހަތަރު ހާހެއްހާ އަހަރަށް ދެމި ތިބު ތިބުން، އެއީ އެކަމުގައި ޤައުމިއްޔަތުގެ ވަރަށް ގިނަ ވާހަކަތައް ހިމެނޭ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ޑޮކިއުމަންޓްރީ އިފްތިތާޙުކުރުމަށް ބޭއްވި ޙަފްލާފައި ވަޒީރު ވަނީ، އެކި މީޑިއާތަކާ އަދި ޒުވާނުންވެސް އަމިއްލަ ޝައުގުވެރިކަމުގައި، ޤައުމިއްޔަތާ ގުޅުންހުރި މިފަދަ މަސައްކަތުގައި އިސްނަގައިގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ޕީއެސްއެމް ނިއުސްއިން އިސްނަގައިގެން ޚާރިޖީ ވުޒާރާއާއި ތަރިކައާއި ބެހޭ ވުޒާރާ ގުޅިގެން ގެނެސްދޭ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމަންޓްރީ ދެއްކުމަށް ހަމަޖެހިފަވަނީ ޖުލައި 26 ވަނަ ދުވަހުއެވެ.