ޚަބަރު

މާލެއިން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި


  • ފެން ހިންދުމަށް 3 ސަރަހަދެއްގައި ސިފައިން ދަނީ ހަރަކާތްތެރިވަމުން

  • ކުރިއަށް އޮތް ތިން މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައި

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ބޮޑުވުމާ ގުޅިގެން މާލެއިން ފެން ހިންދުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ފަށައިފިއެވެ.

މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޤައުމީ ދިފާޢީ ބާރުން ވިދާޅުވި މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް 3 ސަރަހައްދެއްގައި މިހާރު ފަށާފައިވާ ކަމަށެވެ. އެ ގޮތުން މާފަންނު ވެސްޓް ޕާކު ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދުގެ އިތުރުން ސަލްމާނު މިސްކިތް ހިމެނޭ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށް ދިފާޢީ ބާރުން ވިދާޅުވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ދެތިން ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރަމުންދާނެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ސަރކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.