ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ (ފީފާ) ގެ އެފީހެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓަވަރުގައި ހުޅުވައިފިއެވެ.
އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޓްރޮފީ ދައްކާލަން ބަހައްޓާފައި ހުންނާނީ މި ޓަވަރުގަ އެވެ. އެއީ އާދިއްތަ ދުވަހު ކުޅޭ ފައިނަލް މެޗާ ހަމައަށްވެ.
މިހެންވެ މިހާރު ގަބޫލު ކުރެވިފައިވަނީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ވެސް ދައްކާލަން ބަހައްޓާފައި ދެން ހުންނާނީ މި ޓަވރުގައި ކަމަށެވެ.
ޓްރަމްޕް ޓަވަރުގައި އޮފީސް ހުޅުވިތާ އެއް ދުވަސް ފަހުން އިއްޔެ ބޭއްވި އެމެރިކާގެ ކެބިނެޓް މީޓިންގައި ޓްރަމަޕް ވަނީ އާދިއްތަ ދުވަހު ކުޅޭ ފައިނަލް މެޗު ބައްލަވާ ލައްވަން އޭނާ ވަޑައިގަންނަވާނެކަން އިއުލާނު ކުރައްވައިފަ އެވެ. މެޓް ލައިފް ސްޓޭޑިއަމުގައި ކުޅޭ ފައިނަލް މެޗުގައި އެއް ކޮޅުން ބައްދަލު ކުރާނީ އިނގިރޭސި ވިލާތުގެ ޗެލްސީ އެވެ. އަނެއް ކޮޅުން ޔޫރަޕުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ ނުވަތަ ޔޫރަޕުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ސްޕޭނުގެ ރެއާލް މެޑްރިޑެވެ.
ޓްރަމްޕް ޓަވަރުގައި އޮފީސް ހުޅުވުމަށް ފަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ކުލަބު ވޯލްޑް ކަޕާއި ވޯލްޑް ކަޕަށް ވެސް އެމެރިކާގެ ސަރުކާރާއި އެ ގައުމުގެ ރައީސާއި ވައިޓް ހައުސް ޓާސްކް ފޯސް އޮފީހުގެ ވަރަށް ބޮޑު އެއްބާރު ލުމެއް ލިބެމުންދާ ކަމަށެވެ.
އެމެރިކާގައި ވޯލްޑް ކަޕް ބާއްވނަ ތައްޔާރުވާއިރު ޓްރަމަޕްގެ އިމިގްރޭޝަން ޕޮލިސީގެ ސަބަބުން ގިނަ ގައުމުތަކަށް އެމެރިކާ އަށް ދަތުރު ކުރުމުގައި މައްސަލަތަކެއް ދިމާވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަދި މިހާރު ވެސް އޭނާގެ ސަރުކާރުން ވަނީ 12 ގައުމަކާ ދެކޮޅަށް ދަތުރު ފަތުރު ކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ރޮއިޓާސްއިން ބުނާ ގޮތުގައި މިއަދަދު 36 އަށް އިތުރު ކުރަން އެމެރިކާގެ ސަރުކާރުން ވަނީ ނިންމާފައި ކަމަށެވެ. ނަމަވެސް އިންފަންޓީނޯ ވިދާޅުވީ ވޯލްޑް ކަޕަށް އެމެރިކާއިން މުޅި ދުނިޔެ އަށް މަރުހަބާ ކިޔާނެ ކަމަށެވެ.
އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ 1994 ވަނަ އަހަރަށް ފަހު އެ ގައުމުގައި ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ މުބާރާތް ބާއްވަނީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާ ވެސް ގުޅިގެންނެވެ.