ޚަބަރު

ރާއްޖޭގެ ގައިޑް ހަރަކާތަށް 70 އަހަރު؛ ޚާއްސަ ދުވަހެއް ފުރަތަމަ ފަހަރަށް


  • ގަރލް ގައިޑު އަދި ގަރލް ސްކައުޓް ޖަމްޢިއްޔާގެ މެމްބަރަކަށްވީ ރާއްޖެވީ 2 ޖުލައި 1999ގައި

  • ނުރަސްމީކޮށް ރާއްޖޭގައި ގައިޑުން ހަރަކާތްތެރިވާތާ 70 އަށްވުރެ ގިނަ އަހަރުވަނީ ވެފައި

  • ގަރލް ގައިޑު ދުވަހެއް ޤައުމީ ފެންވަރުގައި ފާހަގަކުރުމަކީ ގައިޑުންނަށް ނުހަނު ބޮޑު އުފަލެއް

ޤައުމީ ކަންކަމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ އެއްބަޔަކީ ގަރލް ގައިޑުންނެވެ. އެހެންނަމަވެސް މިހާތަނަށް ގައިޑުންގެ ޚިދުމަތުގެ އަގުވަޒަން ކުރުމަށް މާބޮޑު ކަންތައްތަކެއް ކުރެވިފައިނެތެވެ. މިކަން ބަދަލުކޮށް ސަރުކާރުން މިހާރުވަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 2 ވަނަ ދުވަސް ޤައުމީ ގަރލް ގައިޑު ދުވަހުގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.

ގަރލް ގައިޑުގެ ހަރަކާތްތައް އެކި ގޮތްގޮތުން ރާއްޖޭގައި ކުރިއަށްގެންދާތާ މިހާރު ގާތްގަނޑަކަށް 70 ވަރަކަށް އަހަރުވެއްޖެއެވެ. ޤައުމަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި އެންމެ ކުރީސަފުން ފެންނަ އެއް ޔުނިފޯމަކީ ގައިޑު ޔުނިފޯމެވެ. ސަރުކާރުން ބާއްވާ ކޮންމެ ރަސްމިއްޔާތެއްގައި، އެތަނަކަށްދާ އެކި ފަރާތްތަކަށް އެންމެ ގާތުގައި އެހީތެރިވުމަށް ތިބެނީ ގައިޑުންނެވެ. އެހެންނަމަވެސް މިވޭތުވެދިޔަ ތަނުގައި ރާއްޖޭގައި ގައިޑުގެ ވަކި ޚާއްސަ ދުވަހެއް ފާހަގަކޮށް ޤައުމަށް ކޮށްދެއްވާ ޚިދުމަތުގެ އަގުވަޒަން ކުރެވިފައެއް ނުވެއެވެ. އެހެންކަމުން ރާއްޖޭގައި މިހަރަކާތުގައި ވޭތުވެދިޔަ ތަނުގައި ޚިދުމަތްކުރި އެކި ފަރާތްތަކަށް މިއަހަރުވަނީ ތަފާތު އުފަލެއް ލިބިފައެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދެއްކި ކުރީގެ ބައެއް ގައިޑުންވަނީ ޤައުމީ ގާރލް ގައިޑު ދުވަހުގެ ގޮތުގައި ވަކި ދުވަހެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވައިދެއްވުމުން އެއީ އެޙަރަކާތަށް ލިބިގެންދިޔަ ކުރިއެރުމެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޤައުމަށް ދިމާވި ކޮންމެ ކަމެއްގައި އެންމެ ކުރީސަފުގައި ތިބޭ ބައެއް ނަމަވެސް މީގެކުރިން އެކަން އެގޮތުގައި ބަލައިގަނެ ގައިޑުންގެ އަގު ވަޒަން ކުރެވިފައި ނުވިނަމަވެސް މިއަހަރުން ފެށިގެން އެކަން ބަދަލުވެ ގައިޑު ހަރަކާތްތައް އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމަށް ކުރީގެ ގައިޑުންވަނީ ފާހަގަކުރައްވާފައެވެ.

"އަސްލު ވަރަށް އުފާވެއްޖެ. އަޅުގަނޑުމެން މިއީ ބްރައުނީ ޒަމާނު ކުދިން، ބޭރުން ބޭފުޅުން ވަޑައިގެން އަޅުގަނޑުމެން ޓްރެއިންކުރީ. ވަކި ދުވަހެއް ކަނޑައެޅުނީމަ އަޅުގަނޑަށް ޤަބޫލުކުރެވެނީ އަދިވެސް އިތުރަށް މިދާއިރާ ނުވަތަ ގައިޑު ކުރިއަރާނެކަމަށް." ކުރީގެ ގައިޑަކު ފާހަގަކުރިއެވެ.

"އަސްލު ވަރަށް އުފާވޭ މިކަހަލަ ދުވަހެއް ފާހަގަކުރަން ފެށީމަ. މިކުދިން އަސްލު ވަރަށް ކުރާހިތުން ކުރާކަންކަން މިއީ. ގައިޑުންގެ ފަރާތުން ގުރައިދޫގައި ޢީދު ފާހަގަކުރާތާ 27 އަހަރުވީމަ އެއީ ވަރަށް ގިނަ ފިލާވަޅު މިކުދިންނަށް ލިބޭ." ދުވަސްވީ ގައިޑަކު ވިދާޅުވިއެވެ.

ގައިޑު ހަރަކާތަކީ އަންހެން ކުދިން ބާރުވެރިކުރުވުމަށް ބައިނަލްއަޤުވާމީ ގަރލް ގައިޑް އަދި ގަރލް ސްކައުޓް ޖަމްޢިއްޔާއިން ކުރިއަށްގެންދާ ދުނިޔޭގެ މިފަދަ އެންމެ ބޮޑު ހަރަކާތެވެ. ރާއްޖެއިން ރަސްމީކޮށް އެޖަމްޢިއްޔާގެ މެމްބަރު ޤައުމަކަށްވި 1999 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ. ގައިޑުންގެ މުހިއްމުކަމާއި މުޖުތަމަޢުގައި އަދާކުރާ ދައުރު ފާހަގަކުރައްވާ މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 2 ވަނަ ދުވަހަކީ ޤައުމީ ގަރލް ގައިޑު ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ.

ރާއްޖޭގައި ގައިޑުގެ ތާރީޚަށް ބަލާއިރު އިނގިރޭސި ރާނީ އެލިޒަބަތު ރާއްޖެ ވަޑައިގެންނެވި ދުވަހުވެސް އިންތިޒާމުތައް ހަމަޖެއްސެވުމުގައި ގައިޑުންވަނީ ހަރަކާތްތެރިވެފައެވެ. އޭގެކުރިއަށް ރާއްޖޭގެ ރަސްކަމުގެ ދުވަސްވަރުވެސް މިހަރަކާތް ނުރަސްމީގޮތެއްގައި ކުރިއަށްގެންދިޔަކަން އެނގޭކަމަށް މޯލްޑިވްސް ގަރލް ގައިޑު އެސޯސިއޭޝަނުން ފާހަގަކުރައްވައެވެ.