ޚަބަރު

އެމެރިކާގެ ނިރުބަވެރިންގެ ލިސްޓުން ސޫރިޔާގައި ވެރިކަން ކުރާ އެޗްޓީއެސް އުނިކޮށްފި


ނިރުބަވެރި ޖަމާޢަތްތަކުގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާފައިވާ ޖަމާޢަތްތަކުގެ ލިސްޓުން ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) އުނިކޮށްފިއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބުނީ، ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށްފައި ވަނީ، ސޫރިޔާގެ އަހުލީހަނގުރާމައަށް ފަހު އެ ޤައުމު އަލުން އާރާސްތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް މަގުކޮށައިދިނުމުގެ ގޮތުން ކަމުގައެވެ. މި ގޮތުން، ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތައް ވެސް އެމެރިކާއިން ވަނީ އުވައިލާފައެވެ.

އެޗްޓީއެސަކީ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރި ނިރުބަވެރި ޖަމާޢަތެކެވެ. ބަޣާވާތެއްކޮށް، އެޗްޓީއެސުން އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެއަށް ފަހު، ސޫރިޔާގައި އެޗްޓީއެސުން ޤާއިމު ކޮށްފައިވާ އައު ސަރުކާރުގެ ރައީސް ކަމުގެ މަޤާމު ފުރަނީ، އެ ޖަމާޢަތުގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ.

އެޗްޓީއެސަކީ ކުރިން އަލް-ނުޞްރާ ފްރަންޓުގެ ނަމުގައި ހަނގުރާމަ ކުރަމުން ދިޔަ ޖަމާޢަތެކެވެ. އެއީ، ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އަލް-ޤާޢިދާއާ ގުޅުން އޮތް ގުރޫޕެކެވެ. ނަމަވެސް، 2016ވަނަ އަހަރު އަލް-ނުޞްރާ ފްރަންޓުން ވަނީ އަލް-ޤާޢިދާއާ ފެޔަށް ޖެހި، ގުޅުން ކަނޑައިލާފައެވެ.

މޭ މަހުގެ ތެރޭގައި ޝަރާޢު ވަނީ ރައީސް ޓްރަމްޕާ ބައްދަލު ކޮށްފައެވެ. އެ ބައްދަލުވުމާ އެކު، ޓްރަމްޕް ވަނީ، މީގެ 14 ވަރަކަށް އަހަރު ކުރިން ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް ނިންމާފައިވާ ކަން އިޢުލާނު ކުރައްވާފައެވެ. މިއަދު އެމެރިކާއިން މި ވަނީ ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން ވެސް އެޗްޓީއެސް އުނިކޮށްފައެވެ.

"އެފްޓީއޯން (ބޭރުގެ ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން) [އެޗްޓީއެސް] އުނިކުރުމުގެ ނިންމުމަކީ ސޫރިޔާގައި ސުލްޙައާއި ހަމަޖެހުން އަދި އެއްބައިވަންތަ ކަން ޤާއިމު ކޮށްދިނުމަށް ރައީސް ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރު ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް،" އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވިއެވެ. ޖުލައި 8ވަނަ ދުވަހު އެ ނިންމުމަށް އަމަލު ކުރަން ފަށާފައިވާ ކަން ވެސް އޭނާ އިޢުލާނު ކުރެއްވިއެވެ.

ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް، ރިޔާސީ ޤަރާރެއްގެ ދަށުން ޓްރަމްޕް އުވައިލައްވާފައި ވަނީ ހުސްވި ހަފުތާގައެވެ. އެއާ އެކު، ބައިނަލްއަޤްވާމީ މާލީ ނިޒާމުގައި އަލުން ބައިވެރިވުމުގެ ފުރުޞަތު ސޫރިޔާއަށް މި ވަނީ ހުޅުވިފައެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުން ސޫރިޔާ އެކަހެރިކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށް މި ވަނީ މަގުފަހިވެގެން ގޮސްފައެވެ.

އެޗްޓީއެސްގެ ސަރުކާރުގެ ޚާރިޖީ ވުޒާރާއިން ވަނީ ޓްރަމްޕްގެ ނިންމެވުމަށް ޝުކުރު އަދާކޮށްފައެވެ. އަދި، އެއީ ބައިނަލްއަޤްވާމީ މުޖުތަމަޢާ އެކު ބިނާކުރިނިވި މަޝްވަރާތަކެއް ފެށުމުގެ މަގު ކޮށައިދިން ނިންމުމެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. ސޫރިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ އިދާރާތަކާއި އެހެން ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް އެ ނިންމުމުގެ ސަބަބުން އެހީތެރިވާނެ ކަމަށް އުންމީދު ކުރާ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.

އަންނަ ސެޕްޓެންބަރު މަހު ބޭއްވުމަށް ތާވަލު ކޮށްފައިވާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގައި ޝަރާޢު ބައިވެރިވާނެ ކަމަށާއި، ސޫރިޔާ ތަމްސީލު ކުރައްވާނެ ކަން ވެސް އެ ވުޒާރާއިން ހާމަކުރިއެވެ. ނަމަވެސް، އެޗްޓީއެސަކީ ނިރުބަވެރި ޖަމާޢަތްތަކުގެ ގޮތުގައި އދން ކަނޑައަޅާފައިވާ ގުރޫޕުތަކުގެ ލިސްޓުގައި އޮތް ގުރޫޕެކެވެ. އަދި، ޝަރާޢަކީ ވެސް ނިރުބަވެރިންގެ ލިސްޓުގައި އދން ހިމަނާފައިވާ މީހެކެވެ.