ޕާކިސްތާނުގައި ޤަވާއިދާ ޚިލާފަށް އޮޅުކޮށްގެން ގެންގުޅުނު 18 ސިންގާ އެ ޤައުމުގެ ޕަންޖާބު ސަރަޙައްދުން އަތުލައިގެންފިއެވެ.
އާންމުން އޮޅުކޮށްގެން ގެންގުޅުނު ސިންގާތައް ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން ހޯދައި އަތުލައިގަނެފައި މި ވަނީ އެ ފަދަ ސިންގާއެއް ގެއަކުން ފިލައިގެން ގޮސް އަންހެނަކާއި ކުޑަ ދެކުދިންނަށް ޙަމަލާދީފައި ވަނިކޮށެވެ. އެ ހާދިޘާގައި އަންހެން މީހާ ގައިގައި ސިންގާ ވަކި އެޅުމުން އެ މީހާ ޒަޚަމްވި އިރު، އުމުރުން 5 އަހަރާއި 7 އަހަރުގެ ކުޑަ ދެކުދިން ވަނީ ހަސްފަތާލުގައި އެނދުމަތިކުރަން ޖެހިފައެވެ. ނަމަވެސް އެ ކުދިންނަށް ލިބިފައިވާ ޒަޚަމްތަކަކީ ފުރާނައަށް ނުރައްކާވާފަދަ ޒަޚަމްތަކެއް ނޫން ކަމަށް އިދާރާތަކުން މަޢުލޫމާތުދެއެވެ.
ލާހޯރުގެ ގެއެއްގައި ޙުއްދަނެތި ގެންގުޅުނު ސިންގާ މިހާރު ވަނީ އެ ސަހަރުގައި ވަލުޖަނަވާރު ދޫކޮށްފައި ތިބޭ ސަފާރީ ޕާކަކަށް ގެންގޮސްފައެވެ. އެ ސިންގާގެ ވެރިމީހާ ފަހުން ވަނީ ހައްޔަރުކޮށްފައެވެ.
ތަފާތު ވައްތަރުތަކުގެ ވަލުޖަނަވާރު ގޭގޭގައި އޮޅުކޮށްގެން ގެންގުޅެން މީސްމީޑިޔާގެ ސަބަބުން ހިތްވަރު ލިބެއެވެ. އެ ފަދަ ޖަނަވާރާއެކު ދިރިއުޅޭ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިޔޯތައް އެ ސޮރުމެން ގެންގުޅޭ މީހުން އާންމުކުރަނީ އެ މީހުންގެ ހައިބަތު ދެއްކުމުގެ ބޭނުމުގައެވެ.
ލާހޯރުގެ ވައިލްޑްލައިފް އެންޑް ޕާކްސް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، މުބީން އިލާޙީ ވިދާޅުވީ ބުޅަލުގެ ތެރެއިން ބޮޑެތި ބުޅަލުގެ ބާވަތްތައް ގެންގުޅުމާ ގުޅޭ އައު ޤަވާއިދުގެ ދަށުން ޚާއްޞަ ލައިސެންސެއް ނެތި ސިންގާ ގެންގުޅުމަކީ މަނާ ކަމެއް ކަމެކެވެ. ސިންގާ ގެންގުޅެވޭނީ ވަކި ބޮޑުމިނެއްގެ ކޮށިކޮށީގައި ކަމަށާއި ވަކި ހަމަތަކެއްގެ މަތިން ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. ޤަވާއިދާ ޚިލާފަށް ސިންގާ ގެންގުޅޭނަމަ އެ ކަމުގެ އަދަބަކީ ހަތް އަހަރަށް ޖަލަށް ލުމެވެ.
ކަމާބެހޭ އިދާރާތަކުގެ ބެލުމުގެ ދަށަށް 18 ސިންގާ ގެންދިޔުމުގެ އިތުރުން، ވައިލްޑްލައިފް އެންޑް ޕާކްސް ޑިޕާޓްމަންޓުން ވަނީ ސިންގާއާއި މިނިކާވަގު އާލާކުރާ 38އަށް ތަނެއް ރޭޑުކޮށް، ޤަވާއިދާ ޚިލާފުވި އަށް މީހުން ހައްޔަރު ކޮށްފައެވެ. އެ ފަދަ ހުރިހާ ތަނެއް މި ހަފްތާ ނިމުމުގެ ކުރިން ބަލައި ފާސްކުރާނެ ކަމަށް އިލާޙީ ވިދާޅުވިއެވެ.
އިލާޙީ އިތުރަށް ވިދާޅުވީ ޕާކިސްތާނުގެ އެންމެ ގިނަ ޢަދަދެއްގެ މީހުން ދިރިއުޅޭ އެއް ޕްރޮވިންސު ކަމަށްވާ ޕަންޖާބުގެ ގޭގެއާއި ޖަނަވާރު އާލާކުރާ ތަންތަނުގައި 584 ސިންގާއާއި މިނިކާވަގު ގެންގުޅޭ ކަމަށެވެ.
މީގެ ކުރިން އޮޅުކޮށްގެން ސިންގާއެެއް ގެންގުޅުނު ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ ޣާއިމް ޢަލީ ބުނީ ގޭގޭގައި އޮޅުކޮށްގެން ބޮޑެތި ބުޅާތައް ގެންގުޅޭ ގިނަ ޢަދަދެއްގެ މީހުން އޭނާ ދަންނަ ކަމަށެވެ. ގިނަ މީހުން އެ ޖަނަވާރުތައް ގެންގުޅެނީ ހައިބަތާއި ބާރު ދެއްކުމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ގެންގުޅުނު ސިންގާ ވެސް އޭނާ ވިއްކާލާފައި ވަނީ ޢާއިލާގެ ކުއްޖަކަށް އެ ސިންގާ ޙަމަލާ ދިނުމުންނެވެ.