ދުނިޔެ

އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙައިގެ ވާހަކަތައް ފެށުމަށް


އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙައިގެ ވާހަކަތައް އަލުން ފެށުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްޓަކައި ފަރަންސޭސިވިލާތާއި އެމެރިކާގެ ޚާރިޖީ ވަޒީރުން ޕެރިހުގައި ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ފަރަންސޭސި ޚާރިޖީ ވަޒީރު ޖޯން މާޚް އިރޫލްޓް އާއި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ މަޝްވަރާކުރެއްވީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙައިގެ ވާހަކަތައް އަލުން ފެށުމާބެހޭގޮތުން ފަރަންސޭސި ސަރުކާރުން ހުށަހަޅާފައިވާ ސުލްޙައިގެ މަޝްރޫޢާ ބެހޭގޮތުންނެވެ. ކެރީ ވަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާ މިދިޔަ ބުދަދުވަހު ބައްދަލުކުރައްވައި ފަރަންސޭސި ސުލްޙައިގެ މަޝްރޫއާމެދު ފަލަސްތީނުން ދެކޭގޮތް ސާފު ކުރައްވާފައެވެ.

ފަލަސްތީނުން ވަނީ ފަރަންސޭސިވިލާތުން ހުށަހެޅި ސުލްޙައިގެ މަޝްރޫއަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. މި މަޝްރޫއު ކުރިޔަށް ގެންދިޔުމާ ބެހޭގޮތުން އިތުރަށް މަޝްވަރާ ކުރެއްވުމަށްޓަކައި ފަރަންސޭސި ޚާރިޖީ ވަޒީރު ޖޯން މާޚް އިރޫލްޓް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާ އާދީއްތަ ދުވަހު ބައްދަލުކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.