ކުޅިވަރު

އޭޝިއަން ކަޕް ކޮލިފައިންގައި ޔޫއޭއީ އަތުން ރާއްޖެ ބަލިވެއްޖެ


އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުޅުނު ފަހު މެޗުގައި އިއްޔެ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަތުން 5-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.

ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި، ޔޫއޭއީގެ ފާތިމަތު އަފްޒްރާ ވަނީ ހެޓްރިކް ހަދައިފައެވެ. މިއީ، މި ފަހަރުގެ މުބާރާތުގައި ރާއްޖެ ކޮޅަށް ހެދި ދެ ވަނަ ހެޓްރިކެވެ. ފުރަތަމަ ހެޓްރިކް ހެދީ ގުއާމްގެ ފޯވާޑް، ރެބެކާ ބާޓޯޝްއެވެ.

ދެން ޔޫއޭއީ އަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ފާތިމާ ޖަސެމް އާއި މައިތާ އަލްހަމްޒީ އެވެ.

ވިއެޓްނާމްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، އަންހެން ފުޓްބޯޅައިގެ މަތީ ފަންތީގެ ގައުމެއްގެ ގޮތުގައި ގުނާ ވިއެޓްނާމް އަތުން ބަލިވީ 7-0 އިންނެވެ. ދެ ވަނަ މެޗުގައި، ރާއްޖޭން ގުއާމާ ދެކޮޅަށް އަންހެން ފުޓްބޯޅައިގައި ފުރަތަމަ ފަހަރަށް ނުކުމެ، ބަލިވީ 3-0 އިންނެވެ.

ރާއްޖެ ހިމެނޭ ގްރޫޕުން އަންނަ އަހަރު އޮސްޓްރޭލިއާގައި ކުޅޭ އޭޝިއަން ކަޕަށް ކޮލިފައިވީ ކުޅުނު ތިން މެޗުން ވެސް މޮޅުވި ވިއެޓްނާމް އެވެ. އެންމެ ފަހުން އޮތް އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅުނު ވިއެޓްނާމް އިން ގްރޫޕްގެ ފަހު މެޗުގައި ގުއާމް ބަލިކުރީ 4-0 އިންނެވެ. ރާއްޖެ އަތުން ބޮޑު މޮޅެއް ހޯދިއިރު، ޔޫއޭއީ ބަލިކުރީ 6-0 އިންނެވެ.