މި މަހުގެ 26 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ފަސިންޖަރު ޓާމިނަލުގައި ބޭނުންކުރާ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީނުކޮށްފިއެވެ.
ފަސިންޖަރު ބޯޑިން ބްރިޖަކީ ރައްކާތެރި ކަމާއެކު މަތިންދާބޯޓުން ޓާމިނަލްއަށް ފޭބުމަށް ގުޅާލެވޭ ބްރިޖެކެވެ.
އެމްއޭސީއެލުން ވިދާޅުވީ މި ބްރިޖުގެ ސަބަބުން ޓާމިނަލުން މަތިންދާބޯޓަށް އަދި މަތިންދާބޯޓުން ޓާމިނަލަށް ދިއުމަށް ބަސް ބޭނުންނުކޮށް މަތިންދާބޯޓުން ސީދާ ޓާމިނަލަށް ފޭބޭނެ ކަމަށެވެ. މިއީ އާ ޓާމިނަލްއާއެކު ރާއްޖޭގައި އަލަށް ބޭނުންކުރަން ފަށާ ހިދުމަތެކެވެ.
މި ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރަން މިހާތަނަށް ވަނީ 46 މުވައްޒަފުން ތަމްރީންކޮށްފައެވެ. އޭގެ ތެރެއިން 14 މުވައްޒަފުން ތަމްރީން ކޮށްފައިވަނީ މެލޭޝިއާއަށް ފޮނުވައިގެން ކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ.
އެމްއޭސީއެލުން ވިދާޅުވީ މި ތަމްރީނުތަކުގެ ބޭނުމަކީ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރާ މުވައްޒަފުން އިންޑަސްޓްރީގެ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިކުރުވުން ކަމަށެވެ. އަދި ބޯޑިން ބްރިޖުތައް ސަލާމަތްތެރިކަމާއެކު އޮޕަރޭޓް ކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން ކަމަށް ވިދާޅުވިއެވެ. އެގޮތުން މި ތަމްރީނުތަކުގައި ބައިވެރިވި މުވައްޒަފުން، ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރުމުގެ ކުރިން އޭގެ ސިމިއުލޭޓާ އެކްސަސައިޒްތަކެއްވެސް ވަނީ ހަދައިފައެވެ.
އެމްއޭސީއެލްގެ އަމާޒަކީ މެލޭޝިއާ އަށް ފޮނުވައިގެން ތަމްރީނު ހެދި މުވައްޒަފުން މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި ފަސިންޖަރު ބޯޑިން ބްރިޖަށް އޮޕަރޭޓް ކުރާނެ އިތުރު މުވައްޒަފުން ތަމްރީނު ކުރުމެވެ.
މިނިވަންދުވަހާއި ގުޅިގެން ހުޅުވުމަށް ނިންމާފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޕަސެންޖަރ ޓަރމިނަލް ވެގެންދާނީ އެތަނުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތި އަދި ޒަމާނީ ވަސީލަތްތައް ގާއިމްވެފައިވާ ތަނަވަސް ޓާމިނަލަކަށް ކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ. ޓާމިނަލް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށް ދާއިރު އެކިދާއިރާތަކުން މުވައްޒަފުން ތަމްރީންކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތް ދަނީ ކުރަމުންނެވެ.