ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރަޝިޔާއިން ތައްޔާރަށް އޮތް ނަމަވެސް، ހަނގުރާމައިގެ ލަނޑުދަނޑިތައް މުރާޖާ ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަން ރައީސް ވްލަޑިިމިޔަރ ޕުޓިން ހާމަކުރައްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕުޓިންއާއި ޓްރަޕްމްގެ ފޯން ކޯލުގައި ވާހަކަފުޅު ދައްކަވާފައިވާ ކަންކަމުގެ މަޢުލޫމާތު ހިއްސާ ކުރައްވަމުން ޕުޓިންގެ އިސް މުޝީރު، ޔޫރީ އުޝަކޮފް ވިދާޅުވީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ އިތުރުން މެދުއިރުމައްޗާއި އީރާނާ ގުޅޭ ގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމުގައެވެ. އަދި، ޔޫކްރެއިންގައި ރަޝިޔާއިން ހިންގަމުންދާ "އަސްކަރީ ކެމްޕޭން" ވީ އެންމެ އަވަހަކަށް ނިމުމެއް ގެނައުމަށް ޓްރަމްޕް ހުށަހެޅުއްވި ކަމުގައެވެ.
"އޭނާގެ ޚިޔާލު ފާޅު ކުރައްވަމުން ވްލަޑިމިޔަރ ޕުޓިން ވަނީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ސިޔާސީ ގޮތުންނާއި މަޝްވަރާ ކޮށްގެން މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރައްވާފައި،" އުޝަކޮފް ވިދާޅުވިއެވެ. އަދި، ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހަދާފައިވާ އެއްބަސްވުންތައް ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޓްރަމްޕާ ހިއްސާ ކުރެއްވި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އެ އެއްބަސްވުންތަކަކީ އަސީރުން ބަދަލު ކުރުމާއި މަރުވެފައިވާ ސިފައިންގެ ހަށިތައް ޙަވާލު ކުރުމާ ގުޅޭ އެއްބަސްވުންތަކެކެވެ.
ޔޫކްރެއިނާ އެކު މަޝްވަރާ ކުރުމުގައި ރަޝިޔާއިން ދެމިއޮންނާނެ ކަން ޕުޓިން ޔަގީން ކޮށްދެއްވި ކަމުގައި ވެސް އުޝަކޮފް ވިދާޅުވިއެވެ. "ހަނގުރާމައިގެ ލަނޑުދަނޑިތައް ދޫކޮށްނުލައްވާނެ ކަން ވެސް އަޅުގަނޑުމެންގެ ރައީސް ހާމަކުރެއްވި: އެއީ މި ވަގުތު ކުރިމަތިވެފައި މިވާ ހާލަތަށް ދިޔުމަށް މެދުވެރިވި ޙަޤީޤީ ސަބަބު، ހަނގުރާމަ ފެށުމަށް މެދުވެރިވި ސަބަބު ނައްތައިލުން، އެ ލަނޑުދަނޑިތައް ރަޝިޔާއިން ދޫކޮށެއް ނުލާނެ،" އޭނާ ވިދާޅުވިއެވެ.
2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް އަރައި ރަޝިޔާއިން ހަނގުރާމަ ފެށީ، ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)އާ ގުޅުމަށް ޔޫކްރެއިނުން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓައިނުލުމުން ކަމުގައި ރަޝިޔާއިން ބުނެއެވެ. އެ ޤައުމުން ޤަބޫލު ކުރާ ގޮތުގައި، ނޭޓޯގެ މެންބަރުކަން ޔޫކްރެއިނަށް ދީފި ނަމަ، ނޭޓޯގެ އަސްކަރީ ބާރުވެރިކަން އެ ޤައުމަށް ފުޅާ ކުރާނެއެވެ. އަދި، ރަޝިޔާއަށް ޙަމަލާ ދިނުމުގައި ނޭޓޯއަށް ޔޫކްރެއިން ބޭނުން ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިނަށް ވާގިވެރިވަމުން ދަނީ އެމެރިކާއިންނެވެ. އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އޮތީ ޔޫކްރެއިނަށް އެތަކެއް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ފޯރުކޮށްދިނުމަށް ވަޢުދުވެފައެވެ. ނަމަވެސް، ޓްރަމްޕަކީ މި ހަނގުރާމައާ ދެކޮޅު ބޭފުޅެކެވެ. އަދި، ހަނގުރާމަ ނިމުމަކަށް ގެނައުމަކީ އޭނާގެ ރިޔާސީ ވަޢުދެކެވެ. ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުން ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ނުރަސްމީ މަޝްވަރާތަކެއް ފަށާފައިވެއެވެ.
ޔޫކްރެއިނަށް ބައެއް ބާވަތްތަކުގެ ހަތިޔާރު ފޯރުކޮށްދިނުން އެމެރިކާއިން ދާދިފަހުން ވަނީ ހުއްޓައިލާފައެވެ. އޭގެ ތެރޭގައި، ވައިގެ ދިފާޢީ ނިޒާމު ހިންގުމަށް ބޭނުންވާ މިސައިލްތައް ފަދަ މުހިންމު ހަތިޔާރު ހިމެނެއެވެ. އުޝަކޮފް ވިދާޅުވީ، ޕުޓިންއާއި ޓްރަމްޕްގެ ފޯން ކޯލްގައި އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ނުވާ ކަމުގައެވެ.
ނަމަވެސް، އީރާންގެ މައްސަލައަށް ދެ ބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އީރާނާއި އެމެރިކާއާ ދެމެދު ޖެހިފައި އޮތް މައްސަލައަށް ސިޔާސީ އަދި ޚާރިޖީ ހައްލެއް ހޯދުމަށް ޕުޓިން ޓްރަމްޕްގެ އަރިހުން އެދިވަޑައިގެންނެވި ކަމުގައި އުޝަކޮފް ވިދާޅުވިއެވެ. ރަޝިޔާއާއި އީރާނަކީ ގާތް އެކުވެރިންނެވެ.
ޖޫން 22ވަނަ ދުވަހު ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް ނިރުބަވެރި ޙަމަލާތަކެއްދީފައެވެ. އެއީ، ޖޫން 13ވަނަ ދުވަހުން ފެށިގެން ޔަހޫދީން އީރާނަށް ދެމުންދިޔަ ޙަަމަލާތަކުގައި ބައިވެރިވުމުގެ ގޮތުންނެވެ. 12 ދުވަހަށް ފަހު އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް އީރާނުން ރައްދު ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.