ޚަބަރު

ވިލާތުގައި އާދަޔާ ޚިލާފަށް ހޫނުގަދަވެގެން އަށް މީހުން މަރުވެއްޖެ


ވިލާތުގެ ބައެއް ޤައުމުތަކުގައި އާދަޔާ ޚިލާފަށް މައްޗަށް ފިނިހޫނުމިން އުފުލުމާ ގުޅިގެން އަށް މީހުން މަރުވެއްޖެއެވެ. ހޫނުމޫސުމާ އެކު ވިލާތުގެ ބައެއް ޤައުމުތަކުގައި އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލުމާ ގުޅިގެން ޢާންމު ޞިއްޙަތަށް ނުރައްކާވާނެ ކަމުގެ އިންޒާރު ކޮށްފައިވާއިރު، ޖަންގަލިތަކުގައި ރޯވެދާނެ ކަމުގެ ބިރު ވަނީ އިތުރުވެފައެވެ. ހޫނުގަދަވުމާ ގުޅިގެން ސްވިޓްޒަލެންޑްގައި ހުރި ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒެއް ބަންދު ކުރުމަށް ވަނީ މަޖުބޫރުވެފައެވެ.

ސްޕެއިންގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ، އެ ޤައުމުގެ ކަތަލޫންޏާ ސަރަޙައްދުގައި ދިރިއުޅޭ 14,000އާ ރައްޔިތުންނަށް މަގުތަކަށް ނިކުމެ އުޅުން މަނާކޮށްފައެވެ. އެއީ، ލެރީދާގައިވާ ޖަންގަލިތަކުގެ ދެ ސަރަޙައްދެއްގައި ބިޔަ އަލިފާންގަނޑުތަކެއް ރޯވުމާ ގުޅިގެންނެވެ. އޭގެ ތެރެއިން ކޯސްކޯގައި ރޯވި އަލިފާންގަނޑު ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރި، ދެ މީހަކު މަރުވިއެވެ. އެ ސަރަޙައްދުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަނެވިފައި ނެތް ނަމަވެސް، އެއީ ފިނިހޫނުމިން އުފުލުމާ ގުޅިގެން ކުރިމަތި ހާދިސާއެއް ކަމަށް ބެލުމުގެ ފުރުޞަތު އޮތް ކަމުގައި ސްޕެއިންގެ ކަމާ ގުޅޭ އިދާރާތަކުން ހާމަކުރިއެވެ.

ކަތަލޫންޏާ ސަރަޙައްދުގައި ރޯވި އަލިފާންގަނޑު ދަނޑުބިންތަކަށް ފެތުރި، 40 ކިލޯމީޓަރުގެ ސަރަޙައްދެއް އަނދާފައިވާ ކަމުގައި ސްޕެއިނުން ބުންޏެވެ. އެ އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ ކޮންޓުރޯލު ކޮށްފައިވާއިރު، ސްޕެއިންގެ އިދާރާތަކުން ބުނީ އެކްސްތުރެމަދޫރާއާއި ކޮރްދޮބާގައި ވެސް އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލުމާ ގުޅިގެން ދެ މީހަކު މަރުވެފައިވާ ކަމުގައެވެ. ސްޕެއިންގެ ބައެއް ސަރަޙައްދުތަކުގައި ފިނިހޫނުމިން 40 ޑިގްރީ ސެލްސިއެސަށް އުފުލިފައިވާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރިއެވެ.

އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލުމާ ގުޅިގެން ފަރަންސޭސިވިލާތުން ވެސް ދެ މީހަކު މަރުވެފައިވާ ކަމަށް އެ ޤައުމުން ވަނީ ރިޕޯޓު ކޮށްފައެވެ. މިއީ، 2003ވަނަ އަހަރަށް ފަހު އެ ޤައުމަށް ކުރިމަތިވި އެންމެ ހޫނުގަދަ ޖޫން މަސް ކަން ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރިއެވެ. އެ ޤައުމުގެ ހަކަތައާ ބެހޭ އިދާރާއިން ބުނީ، ހޫނުގަދަވުމުގެ ސަބަބުން ޞިއްޙީ މައްސަލަތައް ކުރިމަތިވެ، 300 މީހަކު ހަސްފަތާލުތަކުގައި އެޑްމިޓު ކޮށްގެން ފަރުވާދެމުންދާ ކަމުގައެވެ.

ފަރަންސޭސިވިލާތުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ޤައުމުގެ މެދުތެރޭގެ ސަރަޙައްދުތަކަށް އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލޭނެ ކަމުގައެވެ. އަދި، އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރު ކެތެރިން ވޫތުރްޚަން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. "ކުރިއަށް އޮތް ދުވަސްތަކުގައި ހާލަތު ގޯސްވާނެ، އުމުރުން ދުވަސްވީ އަދި ބަލިތަކަށް ހުށަހެޅިފައިވާ މީހުންނަށް ނުރައްކާ ބޮޑުވާނެ،" އޭނާ ވިދާޅުވިއެވެ.

އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން އިޓަލީވިލާތުން ވެސް ދެ މީހަކު ވަނީ މަރުވެފައެވެ. އެއީ، ސަރްދެންޔާގެ އައްސޭރިފަށުގެ ސަރަޙައްދަކުންނެވެ. ޖަރުމަނުވިލާތުގައި ވެސް ފިނިހޫނުމިން 40 ޑިގްރީ ސެލްސިއެސްގައި ރެކޯޑު ކުރެވިފައިވާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރިއެވެ. މިއީ، މި އަހަރު އެ ޤައުމުގައި ފިނިހޫނުމިން އެ މިންވަރަށް އުފުލުނު އެންމެ ހޫނުގަދަ ދުވަސް ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.

ހޫނުގަދަވުމާ ގުޅިގެން ފަރަންސޭވިލާތުގެ އިތުރުން ޖަރުމަނުވިލާތާއި އިޓަލީވިލާތުގައި ނުރައްކާތެރި ތޫފާންތަކެއް އުފެދެމުންދާ ކަމުގައި ވެސް މޫސުމާ ބެހޭ އިދާރާތަކުން އިންޒާރު ކުރިއެވެ. މި ގޮތުން، ފަރަންސޭސިވިލާތުގެ އެލްޕްސް ފަރުބަދަ އޮންނަ ސަރަޙައްދުގައި ބާރުގަދަ ތޫފާނެއް އުފެދި، ކިސަޑު ފޭބުމުގެ ހާދިސާއެއް ހިނގިއެވެ. އަދި، ވެރިރަށް ޕެރިހާއި އިޓަލީވިލާތުގެ މިލާނޯއާ ދެމެދު ކުރާ ރޭލު ދަތުރުތަކަށް ހުރަސް އެޅުނެވެ.

ސައިންސްވެރިން ބުނީ، ހޫނުމޫސުމާ ގުޅިގެން ކުރިމަތިވާ 'ހީޓްވޭވް' ނުވަތަ އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލުމުގެ ހާދިސާތައް، އެހެން އަހަރުތަކާ އަޅައިބަލާއިރު މި އަހަރު ކުރިން ފެށިފައިވާ ކަމުގައެވެ. އަދި، ވިލާތުގެ ޤައުމުތަކުގައި 10 ޑިގްރީ ސެލްސިއެސުން ފިނިހޫނުމިން އުފުލެން ފަށާފައިވާ ކަމުގައެވެ. މިއީ، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ސަބަބުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ހާދިސާތަކެއް ކަމުގައި ސައިންސްވެރިން ޤަބޫލު ކުރެއެވެ. މީގެ އިތުރުން، ގަސް ކެނޑުމާއި ސިނާޢީ މަސައްކަތްތައް ފުޅާ ކުރުމުގެ ސަބަބުން ފިނިހޫނުމިން އުފުލެމުންދާ ކަމުގައި އެ ފަރާތްތަކުން އިންޒާރު ކުރެއެވެ.