ޚަބަރު

ޤަވާއިދާ ޚިލާފަށް ހުޅުމާލޭގައި މަސައްކަތްކުރާ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • މީގެ ތެރޭގައި 10 ފިރިހެނުންނާއި 05 އަންހެނަކު ހިމެނޭ

  • މި މީހުން ހައްޔަރުކުރީ "ރަށު މާރުކޭޓު" ބަލައި ފާސްކުރުމަށްފަހު

ޤަވާއިދާ ޚިލާފަށް ހުޅުމާލޭގައި މަސައްކަތްކުރަމުން ދިޔަ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ މި މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ ރެއިޑް އޮޕަރޭޝަންތަކުގައި، 2 ޖުލައި ހަވީރު ހުޅުމާލެ ފޭސް 1 ގައި ހުންނަ "ރަށު މާރުކޭޓު" ބަލައި ފާސްކުރުމަށްފަހުގަ ކަމަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ މި އޮޕަރޭޝަނުގައި ޖުމްލަ 37 ފަރާތެއް ޗެކްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިއަ 15 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މީގެ ތެރޭގައި 10 ފިރިހެނުންނާއި 05 އަންހެނަކު ހިމެނޭ ކަމަށް ވިދާޅުވިއެވެ.

..

އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ މަޤުޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. އަދި ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަކީވެސް އޮޕަރޭޝަންތަކުގެ މަޤުޞަދެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަނުން ދަނީ ސައްޙަ ވިސާއެއްނެތި، ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށް ވެސް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ އަދުގެ ސަރުކާރުން ފަށްޓަވާފައިވާ ވަރަށް ޚާއްސަ މަސައްކަތެކެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އިތުރުން، ގަވާއިދާ ޚިލާފަށް ބިދޭސީ މަސައްކަތްތެރިންނާ މެދު ޢަމަލުކުރާ ފަރާތްތަކަށްވެސް ފިޔަވަޅު އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ އަދަދާއި އެ މީހުންގެ މަޢުލޫމާތު އެއްކުރުމަށް އެ މީހުންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.