ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މިދަތުރުފުޅަކީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިންގަޕޫރަށް ކުރެއްވި މިދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްއާއި ބައްދަލުކުރައްވާ، ދެ ޤައުމުގެ ދެމެދުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ޤައުމުގެ ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރައްވައި، ދެ ޤައުމަށް މަންފާކުރާނެ ތަރައްޤީގެ ގުޅުންތަކާއި އެކުވެރިކަން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސްވަނީ މަޝްވަރާކުރައްވާފައެވެ.
މިދަތުރުފުޅުގައި ރާއްޖެއާއި ސިންގަޕޫރާ ދެމެދު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. މީގެ ތެރޭގައި އެކި ދާއިރާތަކުން ގާބިލުކަން އިތުރުކުރުމާއި ދެމެހެއްޓެނިވި ތިމާވެށީގެ ދާއިރާތަކުން އެއްބާރުލުން ދިނުމާއި، މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ގުޅޭ އެއްބަސްވުން ހިމެނެއެވެ.
މިދަތުރުފުޅުގައި ވަނީ ސިންގަޕޫރުގެ ވިޔަފާރިތަކަށް، ދިވެހިރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކާ ގުޅޭގޮތުން ބިޒްނަސް ފޯރަމެއް ބާއްވާފައެވެ. މި ފޯރަމްގައި 200 މަންދޫބުން ބައިވެރިވިއެވެ. މި ފޯރަމްގެތެރެއިން ވަނީ ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގެ ފުރަތަމަ މަޝްރޫޢުކަމަށްވާ، ސޯލާ ސިޓީ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއީ 100 މެގަވޮޓްގެ މަޝްރޫޢެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގައި ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަސައްކަތްތައް ބައްލަވާލައްވާ، ތަޖުރިބާ ހޯދުމުގެ މަޝްވަރާތައްވެސް މިދަތުރުފުޅުގެތެރޭން ކުރައްވާފައެވެ. އަދި ސިންގަޕޫރުގެ އާބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑަށްވެސް އެމަނިކުފާނުވަނީ ޒިޔާރަތްކުރައްވާފައެވެ. އަދި އެ ޤައުމުގެ ޓުއަސް ޕޯޓަށްވެސް ޒިޔާރަތްކުރެއްވިއެވެ. 2040 ގައި ޓުއާސް ޕޯޓުގެ މަސައްކަތް ނިމުމާއެކު ދުނިޔޭގެ އެންމެ ބޮޑު އޮޓޮމޭޓެޑް ބަނދަރަށް އެތަން ވެގެންދާނެއެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ސިންގަޕޫރުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަނަށްވެސް ޒިޔާރަތްކުރައްވާ އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް ބައްދަލުކުރައްވާ، ޙާލު ބައްލަވާފައެވެ.
ރައީސް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ 4 ދުވަހުގެ ދަތުރުފުޅެކެވެ.