ޚަބަރު

އުފާވެރިކަމުގެ މިންގަނޑު އެކުލަވާލުމަށް އިސްރަށްވެހިންގެ ޚިޔާލު ހޯދައިފި


  • މި މަޝްވަރާ ބައްދަލުވުމުގައި 24 އިސްރަށްވެހިން ވަނީ ބައިވެރިވެފައި

ދިވެހިރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު އެކުލަވާލުމަށް އިސްރަށްވެހިންގެ ޚިޔާލު ހޯދުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ދިވެހިރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު ކަނޑައެޅުން ވެގެންދާނީ ރަށްރަށާއި ޤައުމެއްގެ ހައިސިއްޔަތުން ކުރިއަށްދާންވީ މިސްރާބު އެނގިގެންދާނެކަމެއްކަމަށެވެ. ރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު ކަނޑައެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު ބައެއް ޤައުމުތަކުގައި އިސްކަންދީފައިވާ ދާއިރާތައްވެސް ބަލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި އިސްރަށްވެހިންގެ ބައިވެރިވުން ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ އުފާވެރިކަމުގެ މިންގަނޑެއް ކަނޑައެޅިއްޖެ ކަމަށްވެއްޖެއްޔާ އެއްކަމަކަށް އަޅުގަނޑުމެންނަށް އާންމު ހާލަތު ދެނެގަތުމަށް މަސައްކަތެއް ކުރުމަށް މަގުފަހިވެގެންދާނެ. ހަމައެއާއިއެކީގައި ނިސްބަތުން ކަންކަން ހުންނަގޮތް އަޅާބަލާ އަޅާކިޔާ އެކަންކަން ދެނެގަތުމަށް އަޅުގަނޑުމެންނަށް މަގުފަހިވެ ފަސޭހަވެގެންދާނެ. މީގެއިތުރުން ރަށްރަށުގެ މުޖްތަމައުގެ އިޤްތިޟާދީ އިޖްތިމާއީ ހާލަތު ދެނެގަތުމަށް އަޅުގަނޑުމެންނަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ." ވަޒީރު ވިދާޅުވިއެވެ.

އިސްރަށްވެހިންގެ ޖަމްޢިއްޔާގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު ވިދާޅުވީ، މީގެކުރިން މިކަހަލަ އެއްވެސް ކަމެއްގައި އިސްރަށްވެހިން ބައިވެރިނުކުރާކަމަށެވެ. އެހެންނަމަވެސް މި މަސައްކަތުގައި މާލޭގައި އުޅުއްވާ ބައެއް އިސްރަށްވެހިންނަށް މި ފުރުސަތު ދެއްވީތީ އެކަމާއި ވަރަށް ބޮޑަށް އުފާވާކަމަށެވެ.

މި މަސައްކަތުގައި އިސްރަށްވެހިންގެ ޖަމްޢިއްޔާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަން އަނީސާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އުފާވާނީ އަޅުގަނޑު ގެއިން ނިކުމެގެން މިހާހިސާބަށް އައިއިރު ކިތަންމެ ފަހަރަކު އަޅުގަނޑަށް ޖެހުނު ޕޭމަންޓްގައި ނުހިނގިގެން މަގުމައްޗަށް ފައިބަން. ކޮންމެ ފަހަރަކު ފައިބާއިރު އެބަ ބަލަންޖެހޭ ދެކޮޅުން އެއްޗެއް އާދޭތޯ. އެހެންވީމަ އެ ބިރުވެރިކަމުގައި ހުރެގެން އަޅުގަނޑަށް މަގުމަތިން ހިންގަންވެސް ޖެހެނީ. އެނޫން ދުވަހެއް އަޅުގަނޑުމެންނަށް ފެންނަ ދުވަހަކު އަޅުގަނޑުމެން އެންމެން ތިބޭނީ އުފަލުންނޭ އަޅުގަނޑު ދަންނަވާނީ." އަނީސާ ވިދާޅުވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި ބައެއް އިސްރަށްވެހިންވެސް ވަނީ މިއީ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި އިސްރަށްވެހިންގެ މަޝްވަރާ ހޯދީތީ އުފާވާކަމަށް ވަނީ ވިދާޅުވެފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި 24 އިސްރަށްވެހިން ވަނީ ބައިވެރިވެފައެވެ. އެކި ގްރޫޕްތަކަށް ބަހާލައިގެން އިސްރަށްވެހިންގެ ޚިޔާލާއި މަޝްވަރާ މި ބައްދަލުވުމުގައި ވަނީ ހުށައަޅާފައެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ދިވެހިންގެ އުފާވެރިކަން މިންކުރުމުގެ ޤައުމީ މަޝްރޫޢު ވަނީ އިފްތިތާޙުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ފަރުދީ ފެންވަރުގައާއި ރަށްރަށުގެ އަދި ޤައުމީ ފެންވަރުގައި އުފާވެރިކަން ވަޒަންކުރެވޭނެ މިންގަނޑުތަކެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.