ޚަބަރު

އަތްފޯރާފަށުގައި ދަނޑުވެރިންނަށް ފައިނޭންސް ލިބޭނެ ފުރުޞަތުތައް ދަނީ އިތުރުވަމުން: ދަނޑުވެރިކަމާބެހޭ ވަޒީރު


  • އަންހެނުންނާއި ޒުވާނުންނަށް ހުރި ދަނޑުވެރި ފުރުޞަތުތައް ތަފްސީލްކޮށްދެއްވި

  • ދަނޑުވެރިކަމާއި ކާބޯތަކެތީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ދަނީ މަސައްކަތްކުރަމުން

ދަނޑުވެރިންނަށް އަތްފޯރާފަށުގައި ފައިނޭންސް ލިބުމުގެ ފުރުޞަތު ރާއްޖޭގައި ދަނީ އިތުރުކުރަމުންކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ފުޑް އެންޑް އެގްރިކަލްޗަރް އޯގަނިޒޭޝަން (އެފްއޯއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ 44 ވަނަ ސެޝަން އޮފް އެފް އޭއޯ ކޮންފަރެންސް ތެރެއިން ބޭއްވި ޕެނަލް ޑިސްކްޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފުޑް އެންޑް އެގްރިކަލްޗަރް އޯގަނިޒޭޝަން (އެފްއޯއޭ) ކޮންފަރެންސްގެ މަޤްޞަދަކީ ދަނޑުވެރިކަމާއި ކާބޯތަކެތީގެ ނިޒާމުތަކުގައި އުފެއްދުންތެރިކަން އިތުރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި ޓެކްނޮލޮޖީއާއި އައު އީޖާދުތަކުގެ ޒަރީޢާއިން ހުރި ފުރުޞަތުތައް ހޯދުމެވެ.

މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާގެ ވަނީ ސަރުކާރުން ރާއްޖޭގެ ދަނޑުވެރިކަމާއި ކާބޯތަކެތީގެ ނިޒާމުތަކުގައި އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް އަލިއަޅުއްވާލާފައެވެ. މިގޮތުން، ޕްރެސިޝަން ފާމިންގ، އެމް.ޖީ.އޭ.ޕީ (މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް) ތަމްރީނު، އަދި ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބޭނުންކުރުމަށް ކުެރޭ މަސައްކަތްތައް ވަޒީރު ތަފްސީލްކުރެއްވިއެވެ.

މީގެއިތުރުން ދިވެހިރާއްޖޭގައި ދަނޑުވެރިކަމާއި ކާބޯތަކެތީގެ ދާއިރާ ބަދަލުކުރުމަށް މަގުފަހިކޮށްދޭ މުހިންމު ކަންތައްތަކުގެ ވާހަކަ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މީގެ ތެރޭގައި ރަށްރަށުގެ މެދުގައި ލޮޖިސްޓިކްސްއާއި ގުޅުންތައް ހަރުދަނާކުރުމުގެ މުހިންމުކަމާއި، އަތްފޯރާފަށުގައި ފައިނޭންސް ލިބުމުގެ ފުރުޞަތުތައް އިތުރުކުރަމުންދާކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންނާއި ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވިއެވެ.

ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް ގިނަ ކަންތައްތަކެއް ކުރެއްވުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރެވޭނެ ގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އަންހެނުން އިސްވެ ފަށާ ވިޔަފާރިތަކަށް އެހީވުމަށް ޚާއްސަ ފަންޑެއް ޤާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއް ކުރުމާއި ދަނޑުވެރިކަމުގެ ވިޔަފާރިއާ ގުޅޭގޮތުން އަންހެނުން ތަމްރީންކުރަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބިމާއި އެކިއެކި ވަޞީލަތްތައް އަންހެނުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށާއި، ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކާއި އަންހެނުން ބަލައިގަތުން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށްވެސް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) އާއި ގުޅިގެން "ދަނޑުވެރިނަފާ" ލޯނެއް ތައާރަފްކޮށް ދަނޑުވެރިނަށް ދަނީ ދޫކުރަމުންނެއެވެ.