އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އަލުން މެންޗެސްޓާ ޔުނައިޓެޑާ ގުޅެން ޖެހިއްޖެއެވެ.
އޭނާ އަލުން ޔުނައިޓެޑަށް ދާން ޖެހުނުއިރު ކޯޗު ރުބެން އަމޮރިމްއާ ވަނީ ވަރަށް ބޮޑަށް މައްސަލަ ޖެހިފަ އެވެ. ހުސްވި ސީޒަނުގެ ފަހު ބައި ލޯނު އުސޫލުން އެސްޓަން ވިލާ އަށް ރަޝްފޯޑް ކުޅެން ޖެހުނީ ވެސް ކޯޗާ މައްސަލަ ޖެހުމުން ޔުނައިޓެޑުން އޭނާ ދޫކޮށްލުމުންނެވެ.
އެސްޓަން ވިލާ އަށް ރަޝްފޯޑް ދާއިމީ ކުރުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް 40 މިލިއަން ޕައުންޑް ދީފައި އޭނާ ލައްވައި ދާއިމީ ކޮންޓްރެކްޓްގައި ސޮއިކުރުވާ ވަރުގެ ކުޅުމެއް ރަޝްފޯޑަށް ނުދެއްކުނެވެ. ކުޅުނު 10 މެޗުގައި އޭނާ އަށް ޖެހުނީ އެންމެ ދެ ލަނޑެވެ.
މިހެންވެ ބޮޑަށް ބެލެވެނީ ޔުނައިޓެޑުން އަނެއްކާ ވެސް އޭނާ ލޯނު އުސޫލުން އެހެން ޓީމަކަށް ދޫކޮށްލާނެ ކަމަށެވެ. އުމުރުން 27 އަހަރުގެ ރަޝްފޯޑް ވަނީ ޔުނައިޓެޑަށް 287 މެޗުން 87 ގޯލު ޖަހައިދީފަ އެވެ. އެއީ 10 އަހަރުންނެވެ.
އޭނާ ލައްވައި ކުޅުވަން ސްޕޭނުގެ ބާސެލޯނާއިން މި ދޭތެރެއިން ޝައުގުވެރިކަން ފާޅުކުރި އެވެ. ނަމަވެސް މުސާރަ ބޮޑު ވުމާއި އޭނާ ލައްވައި ކުޅުވަން ކުރަން ޖެހޭ ހޭދައާ އަޅާ ބަލާއިރު ރަޝްފޯޑަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީވެ ބާސެލޯނާ އިން ވަނީ މި ހިޔާކު ދޫކޮށްލާފަ އެވެ.