ޚަބަރު

ޓްރަމްޕްގެ ވާހަކަތައް ދޮގު ކުރުމުން އީރާނަށް އަނެއްކާ ވެސް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ދެއްވައިފި


އީރާންގެ ތިން ނިއުކްލިޔަރ މަރުކަޒަކަށް އެމެރިކާއިން ދީފައިވާ ޙަމަލާތަކުގައި އެ ތަންތަން ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި ރަައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން އީރާނުން ދޮގު ކުރުމާ އެކު، އަނެއްކާ ވެސް އީރާނަށް ޙަމަލާ ދޭން ފަސްނުޖެހޭނެ ކަމުގައި ވިދާޅުވެ އޭނާ އިންޒާރު ދެއްވައިފިއެވެ. ޓްރަމްޕްގެ އަމުރަށް ބީ-2 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތަކާއި ޖީބީޔޫ-57 މަރުކާގެ ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން އެމެރިކާގެ އަސްކަރިއްޔާއިން ޙަަމަލާ ދީފައި ވަނީ ޖޫން 22ވަނަ ދުވަހުއެވެ.

އެމެރިކާގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ނަޠާންޛާއި ފޫރްދޫގެ އިތުރުން އަޞްފިހާންގައި ހުންނަ ނިއުކްލިޔަރ މަރުކަޒުތަކަށެވެ. އެ ޙަމަލާތަކަށް ފަހު ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން އީރާންގެ ރޫހީ އިސްވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ވަނީ ޙަމަލާތަކުގައި ބިމު އަޑީގައިވާ ބިންގަރާސްތަކުގައި ޤާއިމު ކޮށްފައިވާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަން ހާމަ ކުރައްވާފައެވެ. އަދި، ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ޙަމަލާދީ، އީރާނުން "އެމެރިކާގެ މޫނުމަތީގައި ތަފާލެއްއަޅާފައި" ވާނެ ކަމުގައި ވެސް ޚާމަނާޢީ ވިދާޅުވިއެވެ. އަދި، އީރާނުން އަމާން ނުދޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޚާމަނާޢީގެ ބަސްފުޅުތަކާ ގުޅިގެން ޓްރަމްޕް ވަނީ ކޯފާވެ، އޭނާއަށް ފާޑުވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވީ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ވިސްނަވަމުން ގެންދެވި ނަމަވެސް މިހާރު އެ ޚިޔާލު ދުކޮށްލައްވާފައިވާނެ ކަމުގައެވެ. އަދި، އީރާނުން ކަންބޮޑުވާ މިންވަރަކަށް ޔުރޭނިޔަމް މުއްސަނދި ކުރަން ފަށައިފި ނަމަ، އެ ޤައުމަށް އަލުން ޙަމަލާ ދިނުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގައެވެ.

ޚާމަނާޢީ ފުރާނަ ސަލާމަތް ކުރެއްވީ އޭނާ ކަމުގައި ވެސް ޓްރަމްޕްް ވިދާޅުވިއެވެ. "އޭނާގެ [ޚާމަނާޢީގެ] ޤައުމު އެ އޮތީ ސުންނާފަތި ކޮށްލާފައި، އޭނާގެ ނިއުކްލިޔަރ މަރުކަޒުތައް އެ ވަނީ ސުންނާފަތި ކޮށްލާފައި، އޭނާ ފިއްލަވައިގެން ހުރި ތަން ވެސް އަޅުގަނޑަށް އެނގޭ، ނަމަވެސް އޭނާ ޝަހީދު ކޮށްލުމުގެ ފުރުޞަތު އިސްރާއީލުގެ އިތުރުން ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ލަޝްކަރު، އެމެރިކާގެ އަސްކަރިއްޔާއަށް ދިނުމަށް ހުރަސް އެޅީ އަޅުގަނޑު،" ޓްރަމްޕް ވިދާޅުވިއެވެ. "އަނިޔާވެރި މަރަކުން އޭނާ ސަލާމަތް ކުރީ ޚުދު އަޅުގަނޑު."

ޓްރަމްޕްގެ ބަސްތަކަށް އީރާނުން ވެސް ވަނީ ރައްދު ދީފައެވެ. އަދި، ޚާމަނާޢީއަށް އިޙުތިރާމު ކުޑަ ބަސްތައް ރައްދު ކުުރުން ހުއްޓައިލުމަށް އީރާނުން ވަނީ ގޮވައިލާފައެވެ. "އެއްބަސްވުމެއް އެކުލަވައިލުމުގެ ސާފު ނިޔަތް ޓްރަމްޕް ގެންގުޅުއްވާ ނަމަ، އީރާންގެ ރޫހީ އިސްވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންޢީއަށް ބަދުބަސް ރައްދު ކުރެއްވުމާއި، އިޙުތިރާމު ކުޑަ ކުރުން ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާނެ،" އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވިއެވެ.

އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް ދީފައިވާ ޙަމަލާތަކުގައި އެ ތަންތަނަށް ލިބިފައިވާ ގެއްލުމާއި ހާލަތު ވަޒަން ކުރުމުގެ ފުރުޞަތު އެކުވެރި ދައުލަތްތައް (އދ)ގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައިއޭއީއޭ)އަށް ދިނުމަށް ވެސް ޓްރަމްޕް ގޮވައިލެއްވިއެވެ. އެ އިދާރާގެ ވެރިޔާ ރަފަޔަލް ގްރޮއްސީ ވެސް ވިދާޅުވީ، މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކުގެ ހާލަތު ދެނެގަތުމަށް ކަމުގައެވެ. އަދި، އެ ތަންތަން މޮނިޓަރު ކުރުމުގެ ފުރުޞަތު އަލުން ހޯދުމަށް ކަމުގައެވެ. ނަމަވެސް، އައިއޭއީއޭއަށް އެ ފުރުޞަތު ނުދިނުމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.