ޚަބަރު

ހަލާލް ފަތުރުވެރިކަން: ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބޭނެ ދާއިރާއެއް!


  • މިއީ މުސްލިމް ފަތުރުވެރިންނަށް ޚާއްސަ ސެގްމަންޓެއް

  • މުސްލިމް އެހެން ގައުމުތަކުގައިވެސް ހަލާލް ފަތުރުވެރިކަން ދަނީ ފުޅާކުރަމުން

ރާއްޖޭގެ ފަތުރުވެރިކަމަކީ މުޅި ދުނިޔެއަށްވެސް މަޤްބޫލު ކާމިޔާބު ފަތުރުވެރިކަމެވެ. ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން 50 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު ތަފާތު އެކި ބާވަތްތަކުގެ ފަތުރުވެރިކަން ރާއްޖެއަށް ދަނީ ތަޢާރަފްކުރަމުންނެވެ. ސަރުކާރުން މިހާރު ދަނީ ރާއްޖޭގައި ހަލާލް ފަތުރުވެރިކަން ތަރައްޤީކުރުމަށް މަސައްކަތްކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ހަލާލު ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ދޫކުރައްވާނެ ރަށްތައް ކަނޑައަޅުއްވާފައެވެ.

ހަލާލް ނުވަތަ އިސްލާމިކް ޓުއަރިޒަމަކީ މުސްލިމުންނަށް ހާއްސަކޮށް އިސްލާމް ދީނުގެ އަސާސްތަކާއި ފުށުނާރާނެހެން، އެފަދަ އަސާސްތަކަށް އިސްކަންދީގެން ފަތުރުވެރިކަމުގެ ޚިދުމަތްތައް ދިނުމެވެ. ހަލާލް ޓުއަރިޒަމް ކޮންސެޕްޓަށް ހިންގާ ތަންތަނުގައި ފަތުރުވެރިންނަށް ބޭނުންވާ އެކަހެރިކަމާއި، ހަލާލް ކެއުމާއި ބުއިންތައް ލިބެން ހުރުމާއި، ވަކި ޚިދުމަތްތައް ލިބެން ހުރެއެވެ.

ހަލާލް ފަތުރުވެރިކަމަކީ ދުނިޔޭގައި ފުޅާދާއިރާއެއްގައި ކުރިއަރަމުން އަންނަ ދާއިރާއެކެވެ. ހަލާލް ފަތުރުވެރިކަމުގެ ޚިދުމަތްތައް ލިބޭ ތަންތަނަށް މުސްލިމުން ދަތުރުކޮށް، ކޮންމެ އަހަރަކުވެސް މި ބާވަތުގެ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އެތައް ބިލިޔަން ޑޮލަރަކަށް އަރައެވެ.

މުސްލިމް ބައެއް އެހެން ޤައުމުތަކުގައިވެސް އަންނަނީ ހަލާލް ފަތުރުވެރިކަން ހިންގަމުންނެވެ. އޭގެތެރޭގައި މެލޭޝިއާ، އިންޑޮނޭޝިއާ، އަދި ތުރުކީ ފަދަ ޤައުމުތައް ހިމެނެއެވެ.

ރާއްޖޭގައި ހަލާލު ފަތުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިހާރު ވަނީ ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭ މަޤްބޫލުކަން ހޯދާފައިވާ ސިނާޢަތެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގިނަ ކާމިޔާބީތައް ހާސިލްކޮށްފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ހަލާލު ފަތުރުވެރިކަން ތަޢާރަފްކޮށް އެކަމުގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމަށްވުމަށް މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން، ހަލާލު ފަތުރުވެރިކަމަށް ޚާއްސަ ރަށްތަކެއް ކަނޑައެޅުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މިކަން ކުރާނީ އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކާއި ލުއިތަކެއް ލިބޭގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެސަބަބުން ސިނާޢަތް ސިންދަފާތުވެ ފަތުރުވެރިކަމުގެ އިތުރު އުފެއްދުންތައްވެސް ފޯރުކޮށްދެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ހަލާލް ފަތުރުވެރިކަމަކީ ދުނިޔޭގައި ބޮޑު މާކެޓެއް އޮތް ސިނާއަތެއްކަމަށާއި މި ދާއިރާއިން ރާއްޖެއަށް ބޮޑު އާމްދަނީއެއް ހޯދިދާނެކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ރާއްޖޭގައި ހަލާލު ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މަތީ ފަންތީގެ ފަތުރުވެރިކަން ހިމެނޭހެން ފަތުރުވެރިކަމުގެ އެކި ސެގްމެންޓުތައް އިސްތިހާރުކޮށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން ރަށު ފަތުރުވެރިކަން ކުރިއަރުވައި، ކުޅިވަރާއި މުނިފޫހިފިލުވުމާއި އަދި މީނޫންވެސް އެކި ދާއިރާތައް ކުރިއަރުވަން ވަނީ މަސައްކަތް ކޮށްފައެވެ.

އިސްލާމީ ޤައުމުތައް ހިމެނޭ ސަރަހައްދުތަކުން ރާއްޖެއަށް އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ސައުތު އީސްޓް އޭޝިއާ ސަރަހައްދުން 28،815 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %12.5 އިތުރުވުމެކެވެ. ސައުތު އޭޝިއާ ސަރަހައްދުން %2.3 އިތުރުވުމަކާއިއެކު 78،157 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މެދުއިރުމަތިން 28،640 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ %3.2 އިތުރުވުމެއްކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.