ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް ހޮސްޕިޓަލުގެ ޚިދުމަތްތްތައް އާންމު ހާލަތައް ގެނެސްފައިވާ ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓަށް މައްސަލަ ދިމާވެ، ގިނަ ޚިދުމަތްތަކަށް ބުރުއެރިއެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓު މައްސަލައެއް ދިމާވެ ހޮސްޕިޓަލުން ކަރަންޓު ކެނޑެން މެދުވެރިވީ ކޭބަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.
މިމައްސަލަ ހައްލުކޮށްފައިވަނީ، ސްޓެލްކޯ އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވިއެވެ. މިގޮތުން ކަރަންޓު ކޭބަލް އަޅައި ހެނދުނު 8:30 ހާއިރު ކަރަންޓު ދިނެވެ. އޭގެ ފަހުން އާންމު ހާލަތައް ގެނައުމުގެ ކުރިން ޓެސްޓުތައް ކޮށްފައިވެއެވެ. އަދި މިހާރު ހޮސްޕިޓަލުގެ ޚިދުމަތްތައް އާންމު ހާލަތައް އިޔާދަކުރެވިފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.
މިމައްސަލަ ދިމާވުމާއި ގުޅިގެން އެ ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް ފޭސް 2 ގެ ހިޔާ ޓަވަރު 16 ގައި އެ ހޮސްޕިޓަލުން ހިންގަމުންދާ ޖީޕީ ކްލިނިކަށް ވަގުތީ ގޮތުން ބަދަލުކޮށްފައެވެ. އަދި ހޮސްޕިޓަލުގެ ފަރުވާ ދެމުންދިޔަ ބަލިމީހުން އެހެން އައިޖީއެމްއެޗް އަދި ހޮސްޕިޓަލުގެ ދަށުން ހިންގާ އެހެން އިމާރާތްތަކަށް ބަދަލުކޮށްފައިވެއެވެ.
މައްސަލަ ހައްލުކުރުމަށްފަހު އެ ހޮސްޕިޓަލުން ވިދާޅުވީ، އެ ހޮސްޕިޓަލުގެ ކަރަންޓު ވިއުގާއަށް ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް މިހާރު ޚިދުމަތް ދެމުންދާ ކަމަށެވެ. މި ހާލަތުގައި ރައްޔިތުންގެ ދިން އެއްބާރުލުމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ހޮސްޕިޓަލް ޚިދުމަތްތައް އާންމު ހާލަތައް ގެނައުމަށް ސްޓެލްކޯ އެމްއެންޑީއެފް އަދި އެކި ގޮތްގޮތުން އެހީވެދިން ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
ހުޅުމާލެ ހޮސްޕިޓަލަކީ ގިނަ ޚިދުމަތްތަކެއް ދެމުންދާ ހުޅުމާލޭގައި ދެ ފިޔަވައްސަށްވެސް މިހާރު ޚިދުމަތް ދެމުންދާ ސަރުކާރު މައި ހޮސްޕިޓަލެވެ. މި ތަނަކީ 100 އެނދުގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލް ސަރުކާރުން ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ.