ނިމުނު ހަފުތާގައިވެސް އެކިއެކި ދާއިރާތަކުން ގިނަ ކަންތައްތަކެއް ހިނގައިދިޔައެވެ. އެގޮތުން ނިމުނު ހަފުތާގައި 2023 އަދި 2024 ވަނަ އަހަރު ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުތަކުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް ވަނީ މިދިޔަ ހަފުތާގައި އިނާމު ދީފައެވެ. 4 ދަންފަޅިއަކަށް ބަހާލައިގެން އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވިއިރު، ފަހު ދަންފަޅި ޝަރުފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި 1،800 ދަރިވަރުން އިނާމު ޙާސިލުކުރިއެވެ.
އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު އަންހެން މީހެއްގެ މައްސަލަ ތަޙުޤީޤުކުރުމަށް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން އެ މައްސަލަ ތަޙުޤީޤުކުރުމަށްފަހު ނެރުނު ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެންގެވީވެސް ނިމުނު ހަފުތާގައެވެ.
ހަމައެއާއެކު ޙާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން 2 ގުނަ ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ނިމުނު އަންގާރަ ދުވަހުއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް ރާއްޖެ ޓްރާންސްޕޯޓު ލިންކު އާރުޓީއެލް ފެރީގެ ޚިދުމަތް ރ. އަތޮޅުގައި ފަށާފައިވާއިރު، ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލާ ސިފައިންގެ މީހަކު ނިޔާވި ހިތާމަވެރި ހާދިސާ ހިނގައިދިޔައީވެސް ނިމުނު ހަފުތާގައެވެ.
ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަށް ފެނުގެ ޚިދުމަތް ގުޅާލުން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ހުޅުވުމަށް ހަމަޖެހިފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަށް ފެން ގުޅާފައިވަނީ 1800 މީޓަރު ދިގު ހޮޅިލައިނަކުންނެވެ.
މީގެ އިތުރުން ދުވާލަކަށް 1000 ޓަނުގެ ފެން އުފައްދާ އާރްއޯ ޕްލާންޓެއް އެމްޑަބްލިޔުއެސްސީން މާލޭގައި ބެހެއްޓީ މިދިޔަ ހޯމަ ދުވަހުއެވެ. މި ޕްލާންޓާއެކު ދުވާލެއްގެ މައްޗަށް 28،000 ޓަނުގެ ފެން މިހާރު މާލޭގައި އުފެއްދޭނެކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ.
ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއެކު ޑިމޮކްރެޓްސްގެ މެންބަރުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއާ ގުޅުން ފާހަގަކޮށްލެވެއެވެ. ދި ޑިމޮކްރެޓްސްއަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގާތްވެފައިވަނިކޮށް، ރައީސް ނަޝީދާއި ރައީސް ޞޯލިހާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގެ ތެރެއިން ރައީސް ނަޝީދާއި އެމަނިކުފާނަށް ތާޢީދުކުރައްވާ މެންބަރުންތަކެއް އެމްޑީޕީއިން ވަކިވެ އުފެއްދި ޕާޓީއެކެވެ.
ތިނަދޫ ސިޓީ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކޮށް، ކައުންސިލަރުންނަށް ފިޔަވަޅު އެޅުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީން ނިންމާފައިވަނީވެސް ނިމުނު ހަފުތާގައެވެ. މިގޮތަށް އެލްޖީއޭއިން ނިންމަވާފައިވަނީ ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އެ މައްސަލަތައް ބެލުމަށް، ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހުއެވެ.
އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ގެދޮރު އެޅުމަށް ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމްގެ ތެރެއިން ލޯނު ދޫކުރުމަށް ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްއާއެކު ސަރުކާރުން އެއްބަސްވުމެއް އެކުލަވާލުން ފާހަގަކޮށްލެވެއެވެ. މި ޕްރޮގުރާމް މެދުވެރިކޮށް އިސްލާމީ އުސޫލުން %5 ފައިދާގައި ލޯން ދޫކުރާއިރު، އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ދޭނެއެވެ.
މީގެ އިތުރުން މިދިޔަ ހަފުތާގައި ވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ތަރައްޤީކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އިންޓަގްރޭޓެޑް ކޮލެބޮރޭޓިވް އެޕްރޯޗެސް ފޮރ ސަސްޓެއިނަބަލް ޓުއަރިޒަމް ޕްރޮޖެކްޓް، އައި.ކޯސްޓް ފްރޮޖެކްޓް އިފްތިތާޙުކޮށްފައެވެ. މި ޕްރޮގުރާމްގެ ދަށުން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލެވި، އެ ދާއިރާ ކުރިއެރުވުމަށް މާލީ އެހީ ލިބެންހުރި މިންވަރު ދެނެގަނެވޭނެއެވެ.
އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ގެދޮރުވެރިޔާ ސްކީމުގެ 4000 މީހުންގެ ލިސްޓުން އުނިވާ މީހުންނަށް އެކަން އަންގަން ފެށި ޚަބަރު ފާހަގަކޮށްލެވެއެވެ. އަދި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންނަށް ލުއި ދިނުމަށް ސަރުކާރުން ހިންގާ ޕްރޮގުރާމްގެ ތެރެއިން 10 މީހަކު ޓެގް އަޅުވައި ދޫކޮށްލާފައިވާއިރު، ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތު ފަސޭހައިން ލިބޭގޮތަށް "ޙާޖީ އެމްވީ" ނަމުގައި ޚާއްސަ އެޕްލިކޭޝަނެއް ތަޢާރަފުކުރީވެސް ނިމުނު ހަފުތާގައެވެ.
ހަމައެއާއެކު ގެދޮރު އެޅުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ރަށްވެހި ސްކީމަށް އެދި 1300އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާކަން އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ނިމުނު އަންގާރަ ދުވަހު ހާމަކުރައްވާފައިވާއިރު، ދުންފަތް ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް އިނާޔަތެއް ދެއްވުމަށް ދިރާސާއެއް ކުރަން ނިންމެވީވެސް އަންގާރަ ދުވަހުއެވެ.
އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް އައްޑޫގައި ސިޓީގައި ކުރިއަށް ގެންގޮސްފައިވާއިރު، ބަންގިއާއި ޤަމަތާ ދެމެދު ހޭދަކުރާ ވަގުތު އިތުރުކޮށް، ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމެވީވެސް ނިމުނު ހަފުތާގައެވެ. އަދި ރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހުގެ ލޯގޯ ފުރަތަމަ ފަހަރަށް އާންމުކޮށް ދައްކާލީ ނިމުނު ބުދަ ދުވަހުއެވެ.
މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓަބޮލިކް ސެންޓަރެއް ހުޅުވާފައިވާއިރު، މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5000 ރުފިޔާގެ މަގުން ބެހުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމެވީވެސް ނިމުނު ހަފުތާގައެވެ. އަދި ނިމުނު ބުރާސްފަތި ދުވަހަކީ ޙިޖުރީ އައު އަހަރު ފެށުނު ދުވަސްކަންވެސް ފާހަގަކޮށްލެވެއެވެ. މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި ސިޔާސީ ލީޑަރުންނާއި ސަރުކާރުގެ އިސްވެރިންވަނީ ތަހުނިޔާ ވިދާޅުވެފައެވެ. ޚާރިޖީ ދާއިރާއަށް ބަލާލާއިރުވެސް، މިމަހު ފެށި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ޔަހޫދީންނާއި އީރާނުން އެއްބަސްވުންވެސް ފާހަގަކޮށްލެވެއެވެ.
މި ޚަބަރުތަކާއެކު، ނިމުނު ހަފުތާގައިވެސް ސިޔާސީ އިޤުތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް ފާހަގަކޮށްލެވޭ ޚަބަރުތަކެއް ނޫސްތަކުގެ ސުރުޚީތަކުން ފެނިގެންދިޔައެވެ.